އިންޑިޔާ ސިފައިން މިހާރު ރާއްޖެއަކު ނެތް ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަމް ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒުގެ ނިންމެވުން މިހާތަނަށް އައިއިރު، އެމަނިކުފާނު ހާމަކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެންމެ ފަހުން ރައީސް އޮފީހުގައި އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރައްވައި ބޭއްވެވި ދިގު ޕްރެސް ކޮންފަރެންސްގައި ސާފުކޮށް އިންޑިއާ ސިފައިން ނެތް ވާހަކަ ވިދާޅުވިކަން ސަފީރުގެ ވާހަކައިގައި ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ، ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއްކަން ފާހަގަ ކުރެވެއެވެ. އެ ވައުދާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ 76 ސިފައިން، މިދިޔަ އަހަރުގެ މެއި ދިހައެއްގެ ކުރިން ވަނީ ފޮނުވާލާފައެވެ. އަދި އެ ވައުދު ފުއްދަވާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އިންޑިއާ ސިފައިން ފޮނުވާލި ކަމަކަށް މި ސަރުކާރުން ބުނަމުން އައި ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން އެކަން ގަބޫލު ނުކުރާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އިންޑިއާ އަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ގޮސްފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަދިވެސް އިންޑިއާގެ ސިފައިން ތިބި ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން މިހެން ވިދާޅުވިނަމަވެސް ދިފާއީ ވަޒީރުވެސް ވަނީ އިންޑިޔާ ސިފައިން ރާއްޖޭގެ ތިބި ތަންތަނާައި ސިފައިން ތިބި ސަރަހައްދުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން މި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ދިފާއީ ވަޒީރު ޣައްސާން މައުމޫން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެވިއްޖެކަން ކަށަވަރުކޮށްދެއްވާފައެވެ. ރާއްޖެއިން ފޮނުވާލި 76 ސިފައިންގެ ތެރޭގައި ހދ. ހަނިމާދޫގައި ގާއިމްވެފައި ތިބި 25 ސިފައިންނާއި ލ. ކައްދޫގައި ތިބި 25 ސިފައިން އަދި ސ. ގަމުގައި ތިބި 26 ސިފައިން ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންޑިޔާ ސިފައިން ތިބި އިރު އެ މީހުން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގެންގޮސްފައިވަނީ ދެ ގައުމުގެ ދޭތެރޭގައިވާ ގާތް ގުޅުމުގެ ތެރެއިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.