ހަ ބުރީގެ ހޮސްޕިޓަލެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު 44 މިލިއަން ރުފިޔާ ދިނުމުން އާސަންދަ ކުންފުންޏަށް 40 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޮޑިޓަ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އާސަންދަ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓްމެންޓުން ވަނީ އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް 2016 ވަނަ އަހަރު ދޫކުރި އެޑްވާންސް ފައިސާ އުނިކޮށްފަ އެވެ. އެހެންވެ، ހިސާބުތަކުން އެނގޭ ގޮތުގައި އާސަންދަ ކުންފުންޏަށް މިދިޔަ އަހަރު ވަނީ 470 ޕަސެންޓުގެ ގެއްލުމެއް ވެފަ އެވެ. އާސަންދަ ކުންފުނީގެ 2023 ވަނަ އަހަރުގެ ފައިދާއަކީ ހަތް މިލިއަން ރުފިޔާ އެވެ.
އަލީ ހަމީދުގެ ކުންފުންޏަށް އެޑްވާންސަށް ދޫކުރި ފައިސާގެ އަދަދު އާސަންދަ ކުންފުނީގެ ހިސާބުތަކުން އުނިކުރި ނަމަވެސް، އެ ފައިސާ ކޯޓުތަކަށް ގޮސް ހޯދުމުގެ ފުރުސަތު އާސަންދަ އަށް އޮންނާނެ އެވެ. އެޑްވާންސް ފައިސާގެ ގޮތުގައި އެއްވެސް މަސައްކަތެއް ނުކުުރާ އިރު، އެ ހޮސްޕިޓަލްގެ އަމަލީ އެއްވެސް މަސައްކަތެއް އަލީ ހަމީދުގެ ކުންފުނިން ކޮށްފައެއް ނުވެ އެވެ.
އެކަމާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވެސް މިދިޔަ އަހަރު ފެންމަތި ކޮށްފައިވެ އެވެ.
މީގެ ކުރިން ލިބިފައިވާ ޑޮކިއުމެންޓުން އެނގޭ ގޮތުން، ޑިސެމްބަރު 29، 2016 ވަނަ އަހަރު ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އާސަންދައިގެ ހަ ބުރީގެ ހޮސްޕިޓަލް އިމާރާތެއް އެޅުމަށް ހަވާލުކުރީ 61 މިލިއަން ރުފިޔާއަށެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކުރި އެވެ. އެ މަސައްކަތް ހަވާލުކުރީ 15 މަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެކަމަކު 2017 ވަނަ އަހަރު އާސަންދަ އަށް ކުރިމަތިވި ބަޖެޓުގެ މައްސަލަތަކާއަ ގުޅިގެން އެ ޕްރޮޖެކްޓް މަޑުޖައްސާލަން އެންގި އެވެ.
ނުހިންގާ ޕްރޮޖެކްޓެއްގެ ގެއްލުމުގެ ބަދަލާ އެކު 88 މިލިއަން ނޯތް ކޯސްޓުން ނެގި!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޑުޖައްސާލާފައި އޮތް އެ ޕްރޮޖެއްޓަށް ގެއްލުމުގެ ބަދަލެއްގެ ގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޖެނުއަރީ 23، 2023 ގައި ވަނީ އިތުރު 44 މިލިއަން ރުފިޔާ ދީފަ އެވެ. އެ ބަދަލު ދިނީ ރައީސް އޮފީހާއި އާސަންދަ ކުންފުންޏާއި އިކޮނޮމިކް ކައުންސިލްގައި ވެސް މަޝްވަރާ ކޮށްފަ އެވެ.
އެހެންވެ، އަލީ ހަމީދުގެ ކުންފުނިން ހޮސްޕިޓަލް ހިންގުމުގެ ޕްރޮޖެކްޓަށް 88 މިލިއަން ރުފިޔާ ނެގި އެވެ. އެއީ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދިނުމަށް ފަހު، ހުޅުމާލޭގައި 10 ބުރީގެ ހޮސްޕިޓަލެއް އެޅުމަށް މޭ 7، 2023 ގަ އެވެ. އެ ޕްރޮޖެކްޓްގެ ފައިނަލް ކުރެހުން އެޗްޑީސީން އެފްރޫވް ކޮށް، އިމާރާތް އެޅުމަށްޓަކައި ބިން ނުރަސްމީކޮށް ހަވާލުކުރި ނަމަވެސް، އޭގެ މަސައްކަތްތަކެއް ކުރިއަކަށް ނުދެ އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން އަލީ ހަމީދު ފަހުން އޭޕްރީލް 2023 ގައި އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ. އެއީ އެ ޕްރޮޖެކްޓްގެ ބަދަލުގެ ގޮތުގައި ފައިސާ ދޫކުރި ދުވަސްވަރެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ގެއްލި، ޕީއެންސީ އަށް ވެރިކަން ލިބުމާ އެކު، ޑިސެމްބަރު 2023 ގައި އަލީ ހަމީދު ޕީއެންސީ އަށް ސޮއިކުރެއްވި އެވެ. އެއީ އޭރު އެމްޑީޕީގައި ތިއްބެވި ބައެއް މެމްބަރުންނާ އެކުގަ އެވެ.