މިނިވަން ދުވަހާއި ގުޅިގެން ބޭއްވި އިއްޔެ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ތުރު ކުރައްވައިގެން ހުންނެވި ހެދުން އެޑިޓު ކޮށްގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ފެތުރި “ފިތުނަ” އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިނިސްޓަރު މާރިޔާގެ ތުރު ކުރައްވައިގެން ހުންނެވި ދިގު ހެދުމުގެ ފޮޓޯ އެޑިޓުކޮށް ނަރީޝް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ ގައުމީ ދިދަ ރަމްޒު ކޮށްދޭ ހެދުމެއް ތުރު ކުރައްވައިގެން ވަޑައިގަތީ ދިވެހި ރައްޔިތުންނަށް ޖެއްސުން ކުރުމަށް ކަމަށެވެ.
ނަމަވެސް ނަރީޝް ހިއްސާކުރި ފޮޓޯއަކީ އެޑިޓެއްކަން އެނގުމުން ގިނަ ބަޔަކު ވަނީ ނަރީޝްގެ އެ ޓްވީޓަށް ފާޑު ކިޔައިފައެވެ. އެގޮތުން ނަރީޝްގެ ޓްވީޓަށް ރައްދު ދެމުން ބައެއް މީހުން ވަނީ ސިޔާސީ ވި ނަމަވެސް، އެވަރު ވާން ނުޖެހޭ ކަމަށެވެ. އަދި އެއީ ބޮޑުވަރެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ސިފަ ކޮށްފައެވެ.
ފާތުން ނަމަކަށް ކިޔާ މީހަކު ޓްވީޓާގައި ބުނީ އެޒާތުގެ ދޮގާއި މަކަރު ހަދަން ފަށައިފި ނަމަ ޕީޕީއެމް އަށް ވެސް ޖެހޭނީ އެމްޑީޕީ އަށް ޖެހުނު ހާލު ކަމަށެވެ.
“އެޑިޓު ކުރިޔަސް މީހަކަށް ނޭނގޭ ގޮތަށް އެޑިޓު ކޮށްބަލަ،” އިތުރު މީހަކު ޓްވީޓާގައި ބުންޏެވެ.
އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަލީ ސޯލިހު ކުރެއްވި ޓްވީޓެއްގައި ވަނީ ނަރީޝް ފަތުރަމުން ގެންދާ ފިތުނައަކީ ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި މިއަދު އެކަން ދޫކޮށްލައިފި ނަމަ މާދަމާ މިއަށްވުރެ ކަންކަން ގޯސްވެގެން ދާނެ ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
މިނިސްޓަރު މާރިޔާ އަކީ “އެންމެ ކޫލް” މިނިސްޓަރު ކަމަށް ވިދާޅުވެ އަލީ ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް މިފަދަ މައްސަލަތަކުގައި ދޫ ދެވިގެން ނުވާނެ ކަމަށެވެ.
ގިނަ ބަޔަކު ނަރީޝް އަށް ފާޑު ކިޔަން ފެށުމުން ފަހުން ވަނީ އެޑިޓު ކުރި ފޮޓޯއާ އަސްލު ފޮޓޯ އެއްކޮށްލުމަށްފަހު އެ ދެ ފޮޓޯ އިން ވެސް ރަމްޒު ކޮށްދެނީ އިންޑިއާގެ ދިދަ ކަމަށް ވިދާޅުވެފައެވެ.