ކުރިމަތި ވަނީ ބޮޑު ތަދެއް، ރައްޔިތުން ކެތްތެރި ވާތި: ރައީސް
ދެންމެ | 29 ޖުލައި 2022

ދުނިޔެއަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ދަތި ދުވަސްވަރުގައި ރައްޔިތުންނާއި ސަރުކާރު ދެމެދު ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ނެރުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ރަސޫލާ ކުރެއްވި ހިޖުރައާ އެކު އިސްލާމީ އުންމަތް، އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދީ ދައުލަތެއް ކުރިއަރައި ދިޔުމަށް ބޭނުންވާ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ދާއިރާ އިން ނަމޫނާތަކެއް ދައްކަވައިގެން ކަމަށެވެ.

އޭގެ ތެރެއިން އެންމެ މުހިންމީ އިންސާނުންގެ މެދުގައި އޮންނަންވީ ގުޅުމުގެ ބަދަހިކަމާއި ދައުލަތުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މެދުގައި ހަރުދަނާ ބަދަހި ގުޅުމެއް އޮތުމުގެ މުހިންމު ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު އަރާ ހަމަކުރަމުން މި އަންނަނީ އިންސާނީ ތާރީހު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރެކެވެ. ބައިނަލްއަގުވާމީ ސިޔާސީ އޮއެވަރު މުޅިން ބަދަލުވެ އިގްތިސާދީ ގޮތުން ވެސް ގޮތް ނޭނގޭ ދުވަސްތަކާ ދުނިޔެ ކުރިމަތިލާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

”ގައުމެއްގެ ހަޔާތުގައި ކުރިމަތިވާ މިފަދަ ކޮންމެ ހުރަހެއް ގިރާކުރުމުގައި، ސަރުކާރާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ،“ ރައީސް ވިދާޅުވި އެވެ.

ހިޖުރައިގެ ހަނދާން އާ ކުރާއިރު އެންމެ ފުރަތަމަ އަޒުމަކަށް ހަދަންވީ އިސްލާމް ދީނުގެ އަގީދާ އަށް ގުޑުމެއް އެރިޔަ ނުދިނުމަށާއި ރިވެތި އަހުލާގާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މުޖުތަމައުގެ ސުލްހަ އާއި ހަމަޖެހުމަށް މަސައްކަތް ކުރެއްވުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!