ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭރުކުރާހާ ގަޓެއް މި ސަރުކާރުގެ ނެތް ކަމަށާއި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިފިނަމަ މި ސަރުކާރު ވާނީ މަގުމަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާ ގުޅިގެން ނަޝީދު ދެއްކެވި ބައެއް ވާހަކަތަކާއި ހިތްހަމަޖެހިވަޑައިނުގަތް ސަރުކާރަށް ވަފާތެރި އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.
އަދި، އެކަމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ވެސް އަންނަނީ ސޮއިކުރަމުންނެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ބޮންޑެ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަޝީދަކީ ”ކާލާމަންނަ“ ކަމަށެވެ. އަދި ސަރުކާރަށް ކެރޭ ނަމަ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.
ބޮންޑެ ވިދާޅުވީ އެހާ ގަޓެއް މި ސަރުކާރުގެ ނުހުންނާނެ ކަމަށާއި އެހެން ވިދާޅުވަނީ ކެރިވަޑައިގެން ހުންނަވާ ކަމަށެވެ. އަދި ނަޝީދު ބޭރުކޮށްފިއްޔާ ސަރުކާރު ޖެހޭނީ މަގުމަތިވާން ކަމަށް އޭނާ ވިދާޅުވިއެވެ.
”މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމަށް ނިކަން ހުށަހަޅާބަލަ. އެހާ ގަޓެއް މި ސަރުކާރުގެ ނުހުންނާނެ. ކެރިގެން މި ބުނަނީ.“ ބޮންޑެ ވިދާޅުވިއެވެ.