ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފުރުސަތު ނުދެއްވައިފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ދެކޮޅަށް މަސައްކަތް ކުރައްވަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ގަރާރަށް އެމްޑީޕީ މެންބަރުންގެ ތާއިދު ހޯދަން މިރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަޕޯޓަރުން ނިޒާމީ ވޯޓެއް ބޭނުންވާ ސަބަބުތައް ތަފްސީލްކޮށް ދެއްވާފައެވެ. އަދި އެފަދަ ނިޒާމީ ވޯޓަކަށް ފުރުސަތު ނުދެއްވާނަމަ ރައީސް ސޯލިހަށް ލިބިވަޑައިގަންނަވާނެ ނާކާމިޔާބު ވެސް ހިއްސާ ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ %42 މީހުން ވޯޓް ދިނީ ޕީޕީއެމްއަށް ކަމަށާއި އެއީ އަދިވެސް އެމްޑީޕީގެ ސަރުކާރަކާއިއެކު މަސައްކަތް ކުރާނެ ބައެއް ނޫން ކަމަށެވެ. ވޯޓް ލުމުގެ ހައްގު ލިބިފައިވާ 233000 މީހުންގެ ތެރެއިން ޕީޕީއެމްއަށް ލިބުނު 98000 އުނިކުރީމާ ބާކީ ތިބީ 135000 މީހުން ކަމަށާއި މިބާކީ ތިބި މީހުންގެ ތެރެއިން %12 އަކީ ޖުމްހޫރީ ޕާޓީން ނަގާނެ އަދަދެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
“އެއީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ އިންތިހާބެއްގެ ނަތީޖާ ދިރާސާ ކުރުމުން އަންނަ އަދަދެއް. 16000 ވޯޓް ޖުމްހޫރީ ޕާޓީއަށް ލިބޭނެ.” ނަޝީދު ވިދާޅުވިއެވެ.
ދެން ބާކީ އޮންނާނެ 119000 ވޯޓް ކަމަށާއި އެމްއާރްއެމް އާއި އަދާލަތު ޕާޓީ އެއްކޮށްލުމުން އެއީ 7000 ވޯޓް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީއަށް ނެގެން އޮތީ 112000 ވޯޓް ކަމަށާއި ނަމަވެސް ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީ މެންބަރުންގެ ތެރެއިން %42 މެންބަރުން ސަރުކާރަށް (ރައީސް ސޯލިހަށް) ތާއިދު ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
“އެހެންކަމުން ބާކީ އޮތީ 67000 ވޯޓް. އެއީ ޖުމްލަ ވޯޓްލާ މީހުންގެ %27” ނަޝީދު ވިދާޅުވިއެވެ.
“ނިޒާމީ އޮނިގަނޑަށް ބަދަލެއް ގެންނަން ސަރުކާރުން ދެކޮޅު ހެދިނަމަވެސް މިއީ ވިޔަ އަކުރުން، ހިސާބުން ފެންނަން އޮތް ވަރަށް ބޮޑު ހަގީގަތެއް” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ނިޒާމީ ވޯޓެއް ނުލިބިއްޖެނަމަ %42 ވޯޓް އެމްޑީޕީ އާއި ދުރުވާނެ ކަމަށެވެ. 2018 ވަނަ އަހަރުގެ ކަންކަމާއި މިހާރުގެ ހާލަތު އެއްގޮތް ކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވިއެވެ. “އޭރު ހުރިހާ ޕާޓީތަކުގެ ލީޑަރުން ތިބީ ޖަލުގައި. އެހެންވީމާ ކުރިމަތިލާނެ އެއްވެސް ލީޑަރެއް ނެތް. 2018 ވަނަ އަހަރު ވެރިކަން ލިބުނީ ގާސިމް އިބްރާހީމާއި މައުމޫނާއި ހުރިހާ ބޭފުޅުން ކުރި މަސައްކަތުން.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެހެންކަމުން އެހައި ގަދަބަސް ބުނުއްވާފައި ވަޑައިގަންނަވާކަށް ނުވާނެ ކަމަށެވެ. “ބުއްދަވެރިކަމާއިއެކު މަސައްކަތް ނުކޮށްފިނަމަ މިސްރާބު ހުރީ ހަރާބުގެ މަގަށް. އަޅުގަނޑު ދެކެނީ އެމްޑީޕީ މެންބަރުންނަކީ ބުއްދަވެރި ބައެއްގެ ގޮތުގައި.” ނަޝީދު ވިދާޅުވިއެވެ.