ރައީސްއަށް ކުރާ ޒިނޭގެ ތުހުމަތު ބަލައިދޭން ޕީޖީގައި އެދިއްޖެ
ދެންމެ | 18 އޯގަސްޓް 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރާ ޒިނޭގެ ތުހުމަތުތައް ބަލައިދޭން އެދި ޤާނޫނީ ވަކީލް އަހުމަދު ތާލިބް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ސިޓީއެއް ފޮނުވައިފިއެވެ.

މިފަދަ ސިޓީއެއް ޕީޖީ އަށް ފޮނުވާފައި ވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާ އެމަނިކުފާނ ޒިނޭ ކުރާ 4 ގަނޑު ފޮޓޯއިން ކަމަށް ބުނުމުންނެވެ.

އަހުމަދު ތާލިބް ޕީޖީ ޝަމީމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ދައުލަތުގެ އެންމެ މަތީވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ، އަދި ގައުމީ ދިފާއީ ބާރުގެ އެންމެ މަތީވެރިޔަކީ ރައީސް ކަމަށާއި އެހެންކަމުން މިދައުލަތުގެ ސިޔާދަތައި، ޤާނޫނު އަސާސީއާއި، އަދި ރައްޔިތުންގެ މަސްލަހަތާއި، މުޅިދައުލަތް ހިމާޔަތްކުރުމުގެ މަތިވެރި ޒިންމާ ގާނޫނީ ގޮތުން ނަންގަވައިގެން ހުންނެވި ފަރާތަކީ ރައީސް ކަމުގައިވާތީ، އެމަނިކުފާނުގެ އަބުރުފުޅަށް ނޫނީ އެމަނިކުފާނަށް އަމާޒުވާ ކޮންމެ ހަމަލާއަކުން ދިފާއު ކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށެވެ.

އަދި ޖިނާއީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނޫނީ އެފަދަ މައުލޫމާތެއް އެެެހެންގޮތަކަށް ވެސް ޕީޖީ އަށް ލިބިއްޖެ ނަމަ އެކަމެއް ތަހުގީގު ކުރުމުގެ އަމުރެއް ނެރުމުގެ ހުރިހާ ބާރު ގާނޫނު އަސާސީން ޕީޖީއަށް ލިިބިދީފައިވާކަން ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު، ރައީސް ސޯލިހުގެ އިސްތަށިފުޅުގައި، ނުހަނު ބޮޑު އިލްޒާމެއް އަޅުވައި، އެމަނިކުފާނުގެ އަބުރަށް އަރައިގަނެ، އެމަނިކުފާނަށް ބިރުދައްކަން ދައްކަމުންދާ ވިޔާނުދާ ވާހަކަތަކަކީ ސީދާ މުޅި ދައުލަތާއި ދެކޮޅަށް ދިވެހި ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާއެއް ކަމަަށްވާތީ، އެކަން ތަހުގީގުކޮށް ދިނުމަށް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެދިފައެވެ.

”ދިވެހި ދައުލަތާއި ރައްޔިތުންގެ ސަލާމަތާއި، މަސްލަހަތު ރައްކާތެރިކުރުމަށާއި ދައުލަތުގެ އިސްވެރިޔާއާއި، މުޅި ދައުލަތް ހައިޖެކް ކުރުމަށް މުޙައްމަދު ނަޝީދު ކުރަމުންދާ ޤާނޫނާއި ޚިލާފު ޢަމަލުތަށް ތަޙުޤީގް ކުރުމަށް ތަންފީޒީ އިދާރާތަކަށް ތިޔަމުއައްސަސާއިން އަންގައި އަމުރުކޮށް ދިނުމަށް އެދެމެވެ“ ސިޓިގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!