ތޫފާން ދީތުވާގެ ސަބަބުން ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި ސްރީ ލަންކާއިން މަރުވި މީހުންގެ އަދަދު 132 އަށް އަރައި ހާލަތު އިތުރަށް ގޯސްވުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ.
ލަންކާއަށް ވިއްސާރަކުރާތާ ހަފްތާއެއް ވެފައި ވަނިކޮށް އައި ތޫފާނާ އެކު ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ކުއްލި ނުރައްލުގެ ހާލަތު މިއަދު އިއުލާނުކުރެއްވުމާ އެކު މި ހާލަތުގައި ކަންކަން ނިންމެވުމަށް ރައީސަށް ބޮޑެތި ބާރުތަކެއް ލިބޭނެ އެވެ.
”މިހާތަނަށް 132 މީހަކު މަރުވެފައިވާ ކަމަށާއި 176 މީހުން ގެއްލިފައިވާކަން ވަނީ ކަށަވަރުވެފައި،“ ޑީއެމްސީގެ ޑިރެކްޓަ ޖެނެރަލް ސަމްޕަތު ކޮޓުވެގޮޑާ ވިދާޅުވި އެވެ.



