ފޮނަދޫ ކައުންސިލުން ކަރަޕްޝަނުގެ ތެރެއިން ނެޓްވޯކް ހުއްދަ ނުދިން މައްސަލައިގެ ތަހްގީގް އޭސީސީން ފަށައިފި
ދެންމެ | 25 އޯގަސްޓް 2022

ލާމް ފޮނަދޫ ކައުންސިލުން މެމްބަރުން މަގާމްގެ ނުފޫޒު ނާޖާއީޒު ގޮތުގައި ބޭނުންކޮށް، ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް އެރަށުގައި ނެޓްވޯކް ގާއިމް ކުރުމަށް މަގު ކޮނުމުގެ ހުއްދައެއް ފަންބޮނޑި މޯލްޑިވްސް އަށް ނުދީ ހިފަހައްޓާފައިވާ މައްސަލައެއްގެ ތަހްގީގް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.

އޭސީސީ ބުނީ މި މައްސަލަ ބަލައިގެން މިހާރު ވަނީ އެމައްސަލައިގެ ލިޔެކިޔުންތައް ހޯދުމަށް ފޮނަދޫ ކައުންސިލް އިދާރާއަށް އަންގާފައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމާއި ގުޅޭ އެއްވެސް ލިޔެކިއުމެެއް ކައުންސިލް އިދާރާގައި ނެތް ކަމަށް ބުނެ، ކައުންސިލުން ވަނީ އޭސީސީ އަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ. ކައުންސިލުން މިހެން ބުނި ނަމަވެސް މިމައްސަލައިގެ ހުރިހާ ލިޔެކިޔުންތަކެއް ފަންބޮނޑި މޯލްޑިވްސްގެ ފަރާތުން ވަނީ އޭސީސީއަށް ހުށަަހަޅާފަ އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު ސޮއިކުރައްވާ ފަންބޮނޑިއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ މިހާރު ވެސް ތިން ފަރާތަކަށް ހުއްދަ ދެވި، އަމަލީ ގޮތުން އެފަރާތްތަކުން ހިދުމަތް ފޯރުކޮށްދެމުން ގެންދާތީ އިތުރު ފަރާތަކަށް މިވަގުތު ހުއްދަދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވާ ކަމަށެވެ. ސިޓީގައި މިގޮތަށް ބުނެފައިވާއިރު، ކަރަޕްޝަން މަނާ ކުރާ ގާނޫނުގައި ބުނެފައިވާ ’ނާޖާއީޒު ފައިދާއެއް އެހެން ފަރާތަކަށް ހޯދައިދިނުމަކީ ވެސް ކުށެކެވެ.‘

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ’ ސަރުކާރުގެ މުވައްޒަފުން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސަރުކާރު ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއް ނުވަތަ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ ބޭނުން ކޮށްގެން ނާޖާއީޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެކެވެ. ކަރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ވާ ގޮތުން މިފަދަ ކުށެެއްގެ އަދަބަކީ ގިނަވެގެން 3 އަހަރު ދުވަހަށް ޖަލައްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުގެ ބައްދަލުވުމުން ނިންމި ނިންމުގައި ބައިވެރިވަޑައި ނުގަންނަ ވަނީ މެމްބަރު އަބުދުލް ރައޫފް އެކަންޏެވެ. ބައްދަލުވުމުގެ ޔައުމިއްޔާގައި ވެސް މެމްބަރ ރައޫފު ސޮއި ވެސް ކުރައްވާފައެއް ނުވެ އެވެ.

ފޮނަދޫ ކައުންސިލުގެ 5 މެމްބަރުންނަކީ ވެސް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރުން ނެވެ.

މިމައްސަލާގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން ވެސް ވަނީ އެހެން ފަރާތްތަކެކޭ އެއް ހަމައަކުން އެކުންފުންޏަށް ހުއްދަ ދިނުމަށް ފޮނަދޫ ކައުންސިލަށް އަންގާފަ އެވެ. އަދި ލާމް އަތޮޅު ކައުންސިލުން ވެސް ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން މިގޮތަށް އަންގާފައި ވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!