މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މާވަށު ގޮޑިއަށް އައީ ކޮންޓްރެކްޓް އުސޫލުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.
ތޯރިގަށް ވުރެ ކުރިން މި ބިލަށް ސައީދު ވާހަކަ ދެއްކެވީ އެ އިސްލާހާ ދެކޮޅަށެވެ. އެކަމަކު ތޯރިގު ވާހަކަ ދެއްކެވީ އިސްލާހާ އެއްކޮޅަށެވެ.
ތޯރިގު ވިދާޅުވީ މެމްބަރުން އިންތިހާބުކުރާ އިރު އެ ދާއިރާއަކަށް ނިސްބަތްވާ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދާއިރާއާ ނުގުޅޭ ބޭފުޅުން ހޮވުމުން އެ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުން މިސާލު ނެންގެވީ ގާސިމްގެ ޕާޓީ ޖޭޕީން އިންތިހާބުވި އދ. ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ސައީދެވެ.
”އަޅުގަނޑުގެ ދާއިރާއާ ޖެހިގެން އޮތް ދާއިރާގައި ހިމެނޭ ރަށްތަކަށް ވާތީ މި ދަންނަވާލަނީ. އެ ރައްޔިތުންގެ ޝަކުވާތަކެއް ހުންނާތީ އަދިއަދަށް ދާންދެން ވެސް. ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތީ ދާއިރާއަށް އޭރު އިންތިހާބު ކުރި މެންބަރު ވަނީ ޕާޓީއެއް އުފައްދައިގެން ގޮސްފައި،“ ނާޒިމަށް ނިސްބަތްކުރައްވައި ތޯރިގް ވިދާޅުވި އެވެ.
މަޖިލިސް ޖަލްސާއެއްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ސައީދުގެ މިސާލު ގެންނެވީ އޭގެ ފަހުންނެވެ. ތޯރިގު ވިދާޅުވީ މާވަށު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 22 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކަމަށް ސައީދު އޭނާގެ އަރިހު ވިދާޅުވި ކަމަށެވެ.
”އެމީހާގެ ވޯޓު އެ މީހާގެ ފޮށްޓަށް ނުލެވޭ މީހުން ރައްޔިތުންގެ މަޖިލީހަށް ނައިމަ ރަނގަޅުވާނީ. އެ ރައްޔިތުންގެ އިހްސާސްތަކެއް ނުހުރޭ. މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްޔެ އަޅުގަނޑަށް ދެންނެވި [މާވަށު ދާއިރާގެ މެންބަރުކަމަށް] އައިސް މި އިނީ ބާވީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުންނޭ،“ ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ހަރަދުކޮށްގެން މެމްބަރުން އިންތިހާބުކުރުމުން ”ދާއިރާގެ ރައްޔިތުންނާ ދޭތެރޭ އަސަރެއް، ކުލުނެއް“ ނުހުންނަ ކަމަށެވެ.
ސައީދަކީ ހއ. އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.