ރާއްޖެއަށް ތެލުގެ އިތުރު ޝިޕްމަންޓެއް އަންނަ ހަފްތާގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާ އަށް ބޭނުންވާ ތެޔޮ މި ވަގުތު ރާއްޖޭގައި އެބަހުރި ކަމަށެވެ.
އެސްޓީއޯގެ އޮފިޝަލް ވިދާޅުވެފައިވާގޮތުގައި އިތުރު ތެލުގެ ޝިޕްމަންޓު އަންނަ ހަފުތާގެ ތެރޭގައި ރާއްޖެ އަށް ގެންނާނެއެވެ. އެގޮތުން މި މަހުގެ 20 އަދި 23 ގައި ތެލުމުގެ ޝިޕްމަންޓް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.01 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ.
މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން ޕެޓްރޯލާއި ޑީސަލްގެ އިތުރުން ފިއުލް އޮއިލް އާއި ޖެޓް ފިއުލްގެ އަގު ވެސް 100 ޕަސެންޓަށް ވަނީ އުފުލިފައެވެ.
ސަރުކާރުން މިހާރުވެސް ދަނީ ރާއްޖެއަށް ތެޔޮ ގެނައުމަށް އިތުރު ގޮތްތަކެއްވެސް ބަލަލަމުންނެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެކުލަވާފައިވާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއަށް ތެޔޮ ގެންނަ މައިގަނޑު ސަރަހައްދަކީ މެދުއިރުމަތިން ކަމަށްވުމުން، އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ކައިރި ގައުމުތަކާއި އަދި އެހެންވެސް ގައުމުތަކުން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



