އީރާނުގެ ރައްޔިތުންނަށް އެހީވަމުންދާތީ އީރާނުން އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވައިފި
ދެންމެ | 16 މާރޗް 2026

އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ އީރާނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ރައްޔިތުން ދައްކަމުންދާ ޝައުގުވެރިކަމަށް، އިންޑިއާގެ ނިއުދިއްލީގައި ހުންނަ އީރާނުގެ އެމްބަސީން ޝުކުރު އަދާކޮށްފިއެވެ.

އިންޑިއާ ރައްޔިތުން އިރާނަށް އެހީތެރިވުމުގެ ގޮތުން ނަގުދު ފައިސާގެ އެހީ ދެމުންދިޔަ ނަމަވެސް، ބޭންކިން ނިޒާމަށް ދިމާވެފައިވާ ފަންނީ މައްސަލަތަކެއްގެ ސަބަބުން އޮންލައިންކޮށް ފައިސާ ފޮނުވުމުގައި ދަތިތަކެއް ހުރިކަން އެމްބަސީން ވަނީ ހާމަކޮށްފައެވެ. އެކްސްގައި އެމްބަސީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާގެ އަޚުންނާއި އުޚުތުން ފޯރުކޮށްދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

އެމްބަސީގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގައި ދަތިތަކެއް ހުރިކަމަށް ރިޕޯޓްކޮށްފައިވާތީ، މި ވަގުތަށް ޖީޕޭ ފަދަ އޮންލައިން ވަސީލަތްތައް ބޭނުންނުކުރުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްބަސީން ބުނި ގޮތުގައި، އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މިހާރު އެންމެ ރަނގަޅު ގޮތަކީ އެމްބަސީއަށް ވަޑައިގެން ނަގުދު ފައިސާއިން އެހީ ފޯރުކޮށްދިނުމެވެ. އޮންލައިންކޮށް ފައިސާ ފޮނުވުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އިންޑިއާގެ ރައްޔިތުން ދައްކަމުންދާ އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި ޝުކުރުވެރިވާ ކަމަށްވެސް އެމްބަސީން ބުނެފައިވެއެވެ.

މި އެހީއަށް އެދިފައިވަނީ މަސްރަހު ގޯސްވެ، އިސްރާއީލާއި އެމެރިކާއިން އީރާނުގެ އެކި އަމާޒުތަކަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ. މީގެ ރައްދުގައި އީރާނުންވެސް ދަނީ ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތު އޮތް ތަންތަނަށް ހަމަލާދެމުންނެވެ. މި ހަނގުރާމައިގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވަމުންދާއިރު، އިންޑިއާގެ ގިނަ ރައްޔިތުން ދަނީ އީރާނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންނެވެ.

އެމްބަސީން ކުރިން ބޭންކް އެކައުންޓްގެ ތަފްސީލު ހާމަކުރި ނަމަވެސް، ފަންނީ މައްސަލަތަކާ ހުރެ މިހާރު އެންމެ އިތުބާރު ހުރި ގޮތަކީ ނަގުދު ފައިސާ ހަވާލުކުރުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އިންޑިއާއާއި އީރާނަކީ ތާރީހީ ގޮތުންނާއި، އިގްތިސާދީ އަދި ސަގާފީ ގޮތުން ވަރުގަދަ ގުޅުމެއް އޮންނަ ދެ ގައުމެވެ. މި ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުން ފޯރުކޮށްދޭ އެހީތެރިކަމަކީ މި ގުޅުން އިތުރަށް ހާމަކޮށްދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!