”ގަލެއް ވެއްޓޭހެން“ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް އަވަހަށް ވެއްޓޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް ބުނެފައިވަނީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައާއެކު ތެލާއި ގޭހުގެ އަގު މައްޗަށް ދިޔަ ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށެވެ. އަދި ހަނގުރާމަ ނިމުމާއެކުގައި ތެލުގެ އަގު ވެސް ދަށްވާނެ ކަމަށް އޭނާ ވަރަށް ޔަގީންކަމާއެކު ބުންޏެވެ.
ޓްރަމްޕް ބުނި ގޮތުގައި ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެއެވެ. އެއާއެކު، ”ގަލެއް ވެއްޓޭހެން“ ތެލުގެ އަގު ވެސް ވެއްޓޭނެ ކަމަށް ބުނެފައިވެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާދީ، އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ހާމަނާއީ އާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައިއާރުޖީސީ) ގެ ވެރިންތަކެއް އަވަހާރަކޮށްލި ހާދިސާއަށް ފަހުގައި، އީރާނުން ދަނީ އިސްރާއީލާއި މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.
އަދި ދުނިޔޭގައި ތެލާއި ގޭސް ފަދަ ތަކެތި އުފުލާ ބޯޓުފަހަރާއި ޓޭންކަރުތައް އެންމެ ގިނައިން ދަތުރުކުރާ އެއް ކަނޑުއޮޅި ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކޮށް، އެމެރިކާ އާއި އެ ގައުމަށް ވާގިވެރިވާ އުޅަނދުފަހަރަށް ހަމަލާ ދޭން ފެށުމާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން، މިވަގުތަށް ބަލާއިރުގައި ވެސް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރަށް ވުރެ މަތީގައެވެ.
ހަނގުރާމަ ތިން ވަނަ ހަފްތާއަކަށް ގޮސްފައިވާ އިރު، ހަނގުރާމަ ނިމެން އުޅޭ ކަމުގެ ނިޝާނެއް ނުފެނެއެވެ.



