މިރޯދަމަހު ކަނޑޫދޫ މިރުހުން ލިބުނު އާއްމްދަނީ އިތުރުވާނެ: ކަނޑޫދޫ ކައުންސިލް
ދެންމެ | 19 މާރޗް 2026

ތ. ކަނޑޫދޫއިން މި ރޯދަ މަހު ބާޒާރަށް ނެރުނު މިރުސް ވިއްކައިގެން ލިބުނު އާމްދަނީ މިދިޔަ ރޯދަ މަހާ އަޅާބަލާއިރު ރަނގަޅު ވާނެ ކަމަށް އެރަށު ކައުންސިލުން ލަފާކޮށްފި އެވެ.

ރޯދައިގެ ކުރިން ކަނޑޫދޫ މިރުހުގެ 100 ގްރާމް ލިބެންހުރީ 25ރ. އާއި 28ރ. އާ ދެމެދު އެވެ. ނަމަވެސް ރޯދަ މަސް ފެށުނު އިރު ކަނޑޫދޫ މިރުހުގެ އަގު ގާތްގަނޑަކަށް ދެ ގުނަ ބޮޑުވި އެވެ. އެގޮތުން ރޯދަ މަސް ފެށުނު އިރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގުހުރީ 100 ގްރާމް 50 ރ. އަށެވެ. އޭގެފަހުން ކަނޑޫދޫ މިރުހުގެ 100 ގްރާމްގެ އަގު މި ރޯދަ މަހު 60ރ. އަށް ވެސް އަރައިގެންދިޔަ އެވެ. އެހެންނަމަވެސް ރޯދަ މަހުގެ ފަހު 10 ފެށުނު އިރު ކަނޑޫދޫ މިރުހުގެ އަގު ވަނީ 100 ގްރާމް 30ރ. އަށް ވެއްޓިފަ އެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހްމަދު ރީހާން ވިދާޅުވީ މި ރޯދަ މަހު ހަފްތާއަކު 5 ޓަނު މިރުސް ބާޒާރަށް ނެރެވިފައިވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އެހެންކަމުން މުޅި ރޯދަ މަހަށް ބަލާއިރު އެއީ ގާތްގަނޑަކަށް 20 ޓަނު މިރުހެވެ.

ރީހާން ވިދާޅުވި ގޮތުގައި މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު މި ފަހަރު ބާޒާރަށް ނެރުވުނު މިރުހުގެ އަދަދު މަދެވެ. މި އަދަދު މަދުވީ ހޫނު ގަދަވުމާއި، ގަސްތަކަށް ޖެހޭ ބަލިތައް ގިނަވުމުން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

”މިރުސް ހެއްދުމުގަ ދިމާވި ދަތިތަކާ، ދެން ހޫނު ގަދަވުމުގެ ސަބަބުން. ހޫނު ގަދަވީމަ ވާގޮތަކީ މިރުސް ހަރުވާލެއް ވަރަށް ބޮޑަށް ލަސްވޭ އެބަ، އެހެންވީމަވެސް ވަރަށް މަދުވޭ އެބަ ބާޒާރަށް ނެރެވޭ ވަރު.“ ރީހާން ވިދާޅުވި އެވެ.

ރީހާން ވިދާޅުވީ ދަނޑުވެރިން ބޭނުންކުރާ ބޭސްތަކުގެ އަގުބޮޑުވުން ފަދަ ކަންކަމާހުރެ، މި ރޯދަ މަހު ކަނޑޫދޫ މިރުސް ވިއްކައިގެން އެރަށުގެ ދަނޑުވެރިންނަށް އެންމެ އުންމީދުކުރި ވަރުގެ ފައިދާއެއް ނުލިބުން އެކަށީގެންވާ ކަމަށެެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަހާ އަޅާ ބަލާއިރު މިފަހަރު ދަނޑުވެރިންނަށް ލިބުނު އާމްދަނީ ރަނގަޅުވާނެ ކަމަށް ރީހާން ވިދާޅުވި އެވެ. އެއީ މިިދިޔަ ފަހަރަށް ވުރެ މަދު މިރުސް ބާޒާރަށް ނެރެވުނު ނަމަވެސް، މިފަހަރު މިރުހުގެ އަގު ރަނގަޅުވުމުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

”މިދިޔަ އަހަރު ވަރަށް ދަށްކޮށް ދިޔައީ، މިރުހުގެ އަގު ވަރަށް ދަށްކޮށް އުޅުނީ 100 ގްރާމް 30 ‏ރުފިޔާ އަށްވުރު މައްޗަށް ދިޔަހެނެއް ހިއެއް ނުވޭ. އެހެންވީމަ މިފަހަރު މިރުސް ބޭރުކުރި މީހުންނަށް ހަމަ ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށް ބެލެވެނީ“ ރީހާން ވިދާޅުވި އެވެ.

މިދިޔަ އަހަރު، އެސްޓީއޯއިން ދާއިމީކޮށް އެތެރެކުރަން ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމަނާފައިވީ ނަމަވެސް، އެކަން ކުރާނީ ކަނޑޫދޫގެ ދަނޑުވެރިންނަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ދާއިރާ ވަރުގަދަ ކުރުމެވެ. އެހެންވެ، ކަނޑޫދޫގެ ދަނޑުވެރިންނަށް ރަނގަޅު ގޮތެއް ހޯއްދަވައި ދެއްވާނެ ކަމަށާއި، ފަސޭހައިން ގަސްތައް ހެއްދޭނެ ގޮތެއް ސަރުކާރުން އެރަށުގެ ދަނޑުވެރިންނަށް ފަހިކޮށްދޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!