ސުއޫދަށް މުހުތާޒުގެ ހޫނު ރައްދެއް: ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ކަންކަން ނިންމެވީ މަނިކުފާނު
ދެންމެ | 25 މާރޗް 2026

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް މައްސަލަތައް ބަލައިގަތުމާއި ނުގަތުމުގައި އެންމެ ގިނަ ނިންމެވުންތަައް ނިންމަވާފައިވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުކަމަށް ވިދާޅުވެ ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ރައްދު ދެއްވައިފިއެވެ.

މިފަދައިން މުހުތާޒު ރައްދުދެއްވީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލު ބަދަލުކޮށް، މިހާރު އޮތް ވިހިވަނަ މަޖިލީހުގެ އުމުރުން 5 ވަރަކަށްް މަސް އުނިކުރުމަށް ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމަށް ފާސްކުރި ބިލު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމާ ގުޅިގެން ސުއޫދު ފާޑުވިދާޅުވުމުންނެވެ.

އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެކަމުގައި ގާނޫނުއަސާސީގައި ބުނެފައިވާ އުސޫލުތަކާ ހިލާފު ސުވާލެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާތީއެވެ. އަދި ރައީސް ބިލު ތަސްދީގުކުރައްވަން ނުނިންމަވާނަމަ މަޖިލީހަށް އެ ބިލު އަނބުރާ ފޮނުއްވަންނުޖެހޭނެތީއެވެ.

އެކަމާ ގުޅިގެން ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރިކަމަކީ އަޑުއެހުމެއް ނުބާއްވައި ނިޔާކަނޑައެެޅުން ކަމަށެވެ. އަދި ދައުވާކުރާ މީހެއްގެ ވާހަކަ އަޑުއެހުމެއްނެތި ނިޔާ ކަނޑައެޅުމަކީ ގޯހެއް ނޫންތޯ ސުއޫދު ސުވާލު އުފައްދަވާފައިވެއެވެ.

ސުއޫދުގެ ފާޑުވިދާޅުވުމަށް ރައްދުދެއްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައި މުހުތާޒު ވިދާޅުވީ ސުއޫދު އެވިދާޅުވާ ގޮތަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން މައްސަލަތައް ނިންމެވީ ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވިއިރު ކަމަށެވެ.

އިތުރަށް މުހުތާޒު ވިދާޅުވީ ރަޖިސްޓްރާއަށް އެބާރު ދިނީވެސް އޭރުގެ ސުޕްރީމް ކޯޓުންކަމަށާއި، އަދި އެގޮތަށް ރަޖިސްޓްރާ ނިންމަވާފައިވާ ނިންމެވުންތައް ސައްހަކަށް ކަނޑައެޅުއްވި ފަނޑިޔާރުންގެ ތެރޭގައި ސުއޫދުވެސް އެއިރު ހިމެނިވަޑައިގެންނެވި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!