މީގެ ވިއްސަކަށް ތިރީހަކަށް އަހަރާ ކުރިއާ ޚިލާފަށް، މިޒަމާނުގެ ދުނިޔޭގައި އިސްލާމީ ޙިޖާބަކީ ކުރިއަށްވުރެ ބޮޑަށް ފެންނަން އޮތް އެއްޗެކެވެ. އެއީ ގިނަ ބަޔަކު އެއާމެދު ފަޚުރުވެރިވާ، ގަޔާވާ، އަދި އަމިއްލަ މިނިވަންކަން ރަމްޒުކޮށްދޭ ނިޝާނެއް ކަމުގައި ވެސް ޤަބޫލުކުރާ ވަސީލަތެކެވެ.
ނަމަވެސް، ހަމައެފަދައިން ބުރުގާއާމެދު ބައެއް މީހުން ދެކޭގޮތާއި އެއަށް އަޅާލާ ގޮތް ވަރަށް ބޮޑަށް ބަދަލުވަމުންދާކަމީ ވެސް މިފަހުން ފެންނަމުންދާ ޙަޤީޤަތެކެވެ. އެއީ ދީނީގޮތުން އަދާކުރާ މަތިވެރި މުޤައްދަސް ވާޖިބެއްތޯ، ނުވަތަ އެއީ ހަމަ ދުނިޔޭގެ އޮޔާއިވަޔާ އެއްގޮތަށް އިރުއިރުކޮޅާ ބަދަލުވާ، އަގެއް ނެތް ވަގުތީ ފެޝަން އޮއިވަރުތަކާއި މަސްތީ ވިސްނުމާ މަސްހުނިވެފައިވާ ފޯރިއެއްތޯ ސުވާލު އުފެދޭހާ ބޮޑަށް ބުރުގާ އެޅުމުގެ ކަންކަން މިއަދު ފެންނަމުން އެބަދެއެވެ. އެގޮތުން، ބައެއް މީހުންގެ ބުރުގާ ތުވާއްޔެއް ހެން ބޯމަތިން ކޮނޑު މައްޗަށް އެއްލާފައި އޮންނަތަން އެބަ ފެނެއެވެ. އަނެއް ބަޔަކު ދޯޕައްޓާއެއް ހެން ބުރުގާގެ ދެކޮޅު ކަރުގައި އޮޅައިލައިގެން ތިބޭ ތަން އެބަ ފެނެއެވެ. އަނެއް ބަޔަކު ފިރިހެނުން އަޅާ ކަހަލަ ފަގުޑިއެއް އަޅައިހެން ބުރުގާ ބޮލުގައި އޮޅައިގެން، އެހެން ނަމަވެސް ކަންފަތާއި ކަރާއި ކަނދުރާ ފެންނަހެން ތިބޭތަން ވެސް އެބަ ފެނެއެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު، ޙިޖާބަކީ ހަމައެކަނި ފެޝަން ގަހަނާއެއް ނުވަތަ ސަގާފީ ނިޝާނެއް ނޫންކަން ދީނުގެ އަސްލުތަކަށް ބަލާލުމުން އެނގެއެވެ. އެއީ ޢިއްފަތްތެރިކަމާއި ލަދުވެތިކަމުގެ ފަލްސަފާއެކެވެ. އަދި ތަޤުވާވެރިކަމުގެ ރަމްޒެކެވެ. އެހެންކަމުން، ވިސްނާލަންޖެހޭ އެއްކަމަކީ، ޙިޖާބު އެޅުމުގައި އޭގެ އަސާސީ އުސޫލުތަކާ ދުރަށްދާ ވަރަކަށް، އެއިން ލިބިދޭންޖެހޭ ހިތްހަމަޖެހުމާއި، ރޫޙާނީ މިނިވަންކަމާއި، އިޖުތިމާޢީ ރައްކާތެރިކަން ގެއްލިދިއުމުގެ ބިރު އޮތްކަމެވެ.
ޙިޖާބުގެ އަސްލު: އޮޅައިލާ ފޮތިގަނޑަކަށްވުރެ ފުން މާނައެއް
ޙިޖާބުގެ މައިގަނޑު މަޤްޞަދަކީ އިލާހީ އަމުރުފުޅު ތަންފީޒުކުރުމެވެ. މިއީ ”ސިތުރު“ (ނިވާކުރުން) އުސޫލުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެއީ ބޭކާރު މީސްމީހުންގެ ސަމާލުކަމުން ސަލާމަތްވެ، ތިމާގެ ޒީނަތްތެރިކަމާއި ޗާލުކަމާއި ރީތިކަން ރައްކާތެރިކުރުމަށް ޓަކައި ވަށައިގެން ދަމާލެވޭ ފަރުދާއެކެވެ.
މީސްމީޑިއާގައި އިޝްތިހާރުކުރާ ރީތިކަމުގެ މިންގަނޑުތަކުގެ ފޯރި ގަދަވެފައިވާ މި ޒަމާނުގައި، ޙިޖާބުގެ އަސްލު މަޤްޞަދު މިވަނީ އޮޅުންބޮޅުންވެފައެވެ. ގަޔަށްބާރު ފޭރާމާއި، ބާގަނޑު ލީ ހެދުންތަކާއި، އެތެރެ ފެންނަ ފޮތިކޮޅުތަކުން ތިމާގެ ހަށިގަނޑުގެ ބައްޓަމާއި ގުނަވަންތައް ހާމަޔަށް ފާޅުވާ ގޮތަށް ޙިޖާބު އެޅުމުން، އޭގެ އަސްލު މަޤްޞަދު ގެއްލިގެންދެއެވެ. މިފަދަ ”ޙިޖާބު-ފެޝަން“ ތަކުގެ ސަބަބުން، މާތް މަތިވެރި އަޅުކަމެއްގެ ގޮތުގައި ކުރަމުން އައި ޝިޢާރެއް، ދުނިޔޭގެ ވިޔަފާރީގެ އުފެއްދުމަކަށް ބަދަލުވެގެންދެއެވެ.
”އަހަރެން ހެދުން އަޅަނީ ހަމައެކަނި އަމިއްލަ ނަފްސަށްޓަކައި“ ކަމަށް ބުނާ ބުނުމުގެ ކެހިވެރިކަން
ނިވާކަން ކުޑަކޮށް ހެދުން އަޅާ ބައެއް މީހުންގެ ކިބައިން އާންމުކޮށް އިވޭ އެއް ވާހަކައަކީ، ”އަހަރެން ހެދުން އަޅަނީ ހަމައެކަނި އަހަރެންގެ އަމިއްލަ ހިތްހަމަޖެހުމަށެވެ“ މި ބުނާ ބުނުމެވެ. މިއީ އަންހެނުން ބާރުވެރި ކުރުވާ ފަދަ ބަހެއްގެ ގޮތުގައި ބޭރުފުށަށް ފެނުނަސް، މީގެ ފަހަތުގައިވާ ނަފްސާނީ ވޭނީ ޙަޤީޤަތް ތަފާތެވެ. އިންސާނުންނަކީ އެކަނިވެރިކޮށް އުޅޭ ބައެއް ނޫނެވެ. ދީނީ މިންގަނޑުތަކަށް ވުރެ ބޮޑަށް ޒަމާނީ ”ފެޝަނަށް“ ބުރަވެ ހެދުން އަޅާއިރު، އޭނާގެ އަމިއްލަ ނަފްސުގެ އަގު ވަޒަންކުރުން ޙަޤީޤަތުގައި ދޫކޮށްލެވެނީ އެހެން މީހުންގެ ބަހަށެވެ. އެހެން މީހުންގެ ފާޑުކިޔުމާއި ’އެޕްރޫވަލް’ގެ މައްޗަށެވެ.
މިކަމުގެ އެންމެ ބޮޑު ހެއްކަކީ، އެއިރަކު ޓްރެންޑްވާ ފެޝަންތަކާ އެއްގޮތަށް މުޖުތަމަޢުގެ ސްޓައިލް ބަދަލުވަމުންދާ ދިއުމެވެ. މަޝްހޫރު ތަރިއަކު ލާ ހެދުމެއް ނުވަތަ އަޅާ ގަޑިއެއްގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭގެ ނުފޫޒު ފޯރައި، އެންމެ ފަޤީރު ހިސާބުތަކަށް ވެސް އެ ފެޝަންތަކުގެ ރާޅުބާނި ބިންދާލައެވެ. މިފަދަ ހެދުމެއް ނުވަތަ އެއްޗެއް ނުގަނެދެވޭ މައިންބަފައިންނަކީ ދަރިންނަށް އަޅާނުލާ ބައެއްގެ ގޮތުގައި ސިފަވާ މިންވަރަށް މިއަދު މުޖުތަމަޢުގެ ވިސްނުން ބަދަލުވެފައި އެބަހުއްޓެވެ.
ވީއިރު، އަހަރެމެންގެ ހެދުން އެޅުން ބިނާވެފައިވަނީ އެހެން މީހުންނަށް ފެންނަ ރީތިކަމުގެ މައްޗަށް ކަމުގައިވާއިރު، އަހަރެމެން މި ތިބެވެނީ އެހެން މީހުންގެ ފާޑުކިޔުންތަކަށް ހުށަހެޅި، އެކަމުގެ އަޅުވެތިކަމުގެ ތެރޭގައެވެ. ރަޙުމަތްތެރިން ނުވަތަ އެކުގައި މަސައްކަތްކުރާ މީހުން ނުކިއްސަރު ކޮމެންޓެއް ކޮށްފިނަމަ، ނުވަތަ ފާޑުކިޔައިފިނަމަ، އަމިއްލަ ނަފްސު ދެކެ ފޫހިވާން ފަށައެވެ. އެމީހުންގެ ކުރިމައްޗަށް ނުކުންނަން ލަދުވެތިވާ ހިސާބަށް ކަންކަން ދެއެވެ. ނުވަތަ އެމީހުންގެ ކުރި ކޮމެންޓުގެ ބަދަލު ހިފާލަން ފުރުޞަތަކަށް އެދިއެދި އެބަ ތިބެވެއެވެ.
ވީމާ، އަހަރެމެން ހެދުން އަޅަނީ ”މީސްތަކުންގެ ލޯތަކަށް“ ޓަކައި ކަމުގައިވާނަމަ، އަހަރެމެން މިވަނީ ”މީސްތަކުންގެ ދޫތަކުގެ“ އަޅުންނަށެވެ. އިސްލާމްދީނުގައި އަމިއްލަ ނަފްސު ދެކެ ލޯބިވުމަކީ، އެ ނަފްސު އުފެއްދެވި ޚާލިޤުވަންތަ ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމެވެ. މީސްތަކުންގެ ބަސްތައް އެކި ދުވަހު އެކި ގޮތަށް ބަދަލުވި ނަމަވެސް، އެކަލާނގެ ބަސްފުޅަކީ ބަދަލުވުމެއް ނެތް ސާބިތު މިންގަނޑުތަކެކެވެ. ކޮންފަދަ ފުރިހަމަ ކަމެއްތޯއެވެ!
ބޭރުފުށުން ފެންނަ ފަރުދާއަކީ ހަމައެކަނި ފެށުން
ޙިޖާބު އެޅުން އޭގެ ފުރިހަމަ މާނައިގައި އަދާކުރުމަށްޓަކައި ”ހިތުގެ ޙިޖާބު“ ބޭނުންވެއެވެ.
އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަކީ:
1. ނިޔަތް ސާފުޠާހިރުކުރުން: ހެދުން އަޅަނީ މީހުންގެ ތައުރީފަށްތޯ ނުވަތަ ﷲ އަށްޓަކައިތޯ އަމިއްލަ ނަފްސާ ސުވާލުކުރުން.
2. ނަބަވީ އަޚްލާޤު: އަޅާފައިވާ ހެދުމާ އެކަށީގެންވާ ގޮތަށް ޢަމަލުތައް ބެހެއްޓުން.
3. ސާބިތުކަން: އިރުއިރުކޮޅާ އަންނަހާ ފެޝަނަކާއެކު ބަދަލުނުވެ، ދާއިމީ މިންގަނޑެއްގައި ހުރުމުން ލިބޭ ނަފްސާނީ ހަމަޖެހުން ހޯދުން.
ތިމާގެ ޙިޖާބު އެޅުމުގައި ހުންނަ އުނިކަންތައްތަކަށް ނަސޭހަތްތެރިވުމަކީ މީހުން ބާކީކުރުމެއް ނޫނެވެ. އެއީ މި އަޅުކަމުގައި ހިމެނޭ ފުން ހިތްހަމަޖެހުމާއި، ލައްޒަތާއި، ހަމަހިމޭންކަމަށް އެނބުރި ދިއުމަށް ގޮވާލާ ގޮވާލުމެކެވެ. ބޭރުފުށުގެ ސިފައާއި އެތެރެފުށުގެ މަޤްޞަދު އެއްގޮތްވުމުން، ޙިޖާބަކީ ބުރައަކަށްވުމުގެ ބަދަލުގައި އަމިއްލަވަންތަކަމުގެ ވަރުގަދަ ރަމްޒަކަށް ވެގެންދެއެވެ. އަދި އެއީ ތިމާގެ ޢަޒުމު ވަރުގަދަކަމުގެ ހެއްކެއް ކަމުގައި ވެގެންދެއެވެ.
މީސްތަކުންގެ ޝަހުވަތްތެރި ދަހިވެތި، އަދި އަމިއްލަ އެދުމުން ފުރިފައިވާ ލޯތަކަށްޓަކައި ތިމާގެ ހެދުން އެޅުން ބަދަލުނުކުރާނެ، އަދި އެހެން އެއްވެސް މީހެއްގެ ބަހަކަށްޓަކައި ނުގުޑާނެ ފަދަ ނަފްސާނީ މިނިވަންކަމެއް މީގެ ސަބަބުން ލިބިގެންދެއެވެ. ޙަޤީޤީ މާނައިގައި މާތް ﷲ ގެ އަޅެއް ކަމުގައިވެ، އެކަލާނގެއަށް ޢަމަލާއި ބަހުން ޝުކުރުވެރިވާ ނަޞީބުވެރިއަކަށް ވެގެންދާނެއެވެ.



