ވީއައިއޭގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
ދެންމެ | 23 އޭޕްރިލް 2026

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި، ވީއައިއޭގައި ޓާމިނަލް ދޭއްގެ ކަފިހިހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަންވަރު 00:00 އިން ފަތިހު 5:00 އާ ހަމައަށް އެ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެގޮތުން ޓެކްސީ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ ޓާމިނަކް އެކެއްގެ ޑިޕާޗާ ގޭޓް އެކެއް އަދި ގޭޓް ދޭކަށް ކަމަށާއި އެ ވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް ބަންދުވާނެ ކަމަށް ވެސް އެމްެއޭސީއެލްއިން ބުނެފައިވެއެވެ.

އަދި އެމްޓީސީސީ ބަސްތައް ފަސިންޖަރުން ބޭލުމާއި ނެގުމަށް މަޑުކުރާނީ ހަމައެކަނި އެއާޕޯޓްގެ ހުޅަނގު ފަރާތުން ސައިކަލް ޕާކިން ބަސް ހުއްޓިއަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައިވެއެވެ.

އެމްއޭސީއެލް އިންޓާނަލް ބަސް ރޫޓް އެކެއްގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށް ކަމަށާއި،އަދި ވޯޓާ ސަޕްލައިއަށް ދަތުރުކުރާ ބަސްތައް ފަށާނީ ޓާމިނަލް ދޭއްގެ ކުރިމަތީ ބުރު ކައިރިން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ބަދަލާއެކު އެއާޕޯޓްގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ ކަމަށާއި ބަސް ރޫޓް ބަދަލުވާނީ ހަމައެކަނި ދަންވަރު 00:00 އިން ފަތިހު 5:00 އަށް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!