މޫސުމް ގޯސްވެ، އީދު ފެން އީދަކަށް ވެދާނެ: މެޓް
ދެންމެ | 25 މެއި 2026

ކުރިއަށް އޮތް ޢީދު ބަންދުގައި އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ – މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ވައިޖެހޭނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އީދު ދުވަހު ވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް ނާޅައި ދަތުރުތަކަށް ނުނިކުތުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.

އާންމުކޮށް ރާއްޖެއަށް ބޮޑައް ވިއްސާރަކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރުމަހުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!