އީދު ނަމާދަށް ފަހު މިއަދު އުރީންދޫން ކުރިއަށް ގެންދިޔަ ”އީދު ބޯކިބާ“ ހަރަކާތަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިއީ، އުރީދޫން ބުނި ގޮތުގައި، މުޖުތަމައުގައި އީދުގެ އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
މާލެ އަދި ހުޅުމާލޭގައި އީދު ބޯކިބާ ބެހުން
އުރީދޫން ކޮންމެ އީދަކާ ގުޅުވައިގެން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން، މި އީދުގައި ވެސް އުރީދޫގެ ޓީމުން ވަނީ މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.
މިއީ ޒަމާނުއްސުރެ އީދު ނަމާދަށް ފަހު ހެނދުނުގެ ސަޔާ އެކު ބޯކިބާ ކެއުމުގެ ސަގާފީ އާދަކާދައާ ގުޅުވައިގެން އުރީދޫން ކުރިއަށްގެންދާ ހަރަކާތެކެވެ.
އީދުގެ އުފާ ފާހަގަކޮށް، އާއިލާތަކަށް ހިނިތުންވުމާއި އެކުވެރިކަމުގެ ވަގުތުތަކެއް ފަހިކޮށްދިނުމަށް، އުރީދޫގެ ފަރާތުން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ކުޑަކުދިންނަށް ޚާއްޞަކޮށް ޢީދު ހަދިޔާ ބަހާފައެވެ.
މާލެ ސަރަހައްދުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިންތިޒާމުކުރާ ”އީދު އުފާ“ ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް އިތުރަށް ފޯރިގަދަކޮށް، އުފާވެރި މާހައުލެއް ބިނާކުރުމަށްޓަކައި އުރީދޫއިން ވަނީ މި ހަވީރުގައި ފޯމް ޕާޓީ ބޭއްވުމަށް އެހީތެރިވެފަ އެވެ.
ކިނބިދޫގެ ’ބޮޑު ކުންބުސް‘ ސަަގާފީ ހަރަކާތް
ތ. ކިމްބިދޫގައި ކުރިޔަށްދިޔަ ”ބޮޑު ކުންބުސް“ ތައްޔާރުކުރުމުގެ ހަރަކާތަށް އުރީދޫއިން ވަނީ ޕާޓްނާ ވެފަ އެވެ. މިއީ އެ ރަށުގެ ރައްޔިތުން އެކުވެގެން ސަގާފީ ބޮޑު ކުންބުސް ފިހެ، ރަށުގެ ކޮންމެ ގެއަކަށް އީދު ހަދިޔާއެއްގެ ގޮތުގައި ބަހާ ވަރަށް ފާހަގަކޮށްލެވޭ ތާރީހީ އަދި ސަގާފީ ހަރަކާތެކެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަަރަހައްދުތަކުގައި ކައުންސިލްތަކާއި ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ އީދު އުފާ ފާޅުކުރުމުގެ އެކި ހަރަކާތްތަކުގައި، އޫރީދޫ މޯލްޑިވްސް އިން ”ޑިޖިޓަލް ޕާޓްނަރު“ ގެ ގޮތުގައި ވަނީ ބައިވެރި ވެފައެވެ.



