އީރާނުގެ ޑީލް އަދި ހިތްހަމަޖެހޭ ވަރެއް ނުވޭ، އެކަމަކު އެކަން ވާނެ: ޓްރަމްޕް
ދެންމެ | 28 މެއި 2026

އިރާނުގެ ދައުލަތުގެ ޓީވީން އެއްބަސްވުމެއްގެ ދެލިކޮޕީއެއް ކަމަށް ބުނާ ތަފްސީލުތަކެއް ހާމަކޮށްފައިވަނިކޮށް، އެ ގައުމުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު އަދި ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް އޭނާ އަވަސްއަރުވާނުލައްވާ ކަމަށެވެ. ނަމަވެސް މީގެ ދެތިން ދުވަސް ކުރިން އޭނާ ވަނީ އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

”އިރާނުން އެއްބަސްވުމެއް ހަދަން ވަރަށް ބޭނުންވޭ. އެކަމަކު އަދި އެމީހުންނަށް އެ ހިސާބަކަށް ނުދެވޭ. އަހަރެމެން މިއަކާ ހިތްހަމައެއް ނުޖެހޭ، އެކަމަކު ކުރިއަށް އޮތް ތަނުގައި ހިތްހަމަޖެހޭވަރު ވާނެ،“ ޓްރަމްޕް ވިދާޅުވި އެވެ.

”ނޫން ނަމަ، އަހަރެމެންނަށް ޖެހޭނީ ފެށި މަސައްކަތް އެއްކޮށް ނިންމާލަން،“ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން ފަށައި، އޭޕްރީލް މަހު މެދުކަނޑާލާފައިވާ އަސްކަރީ ހަރަކާތްތައް އަލުން ފެށުމަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް އިންޒާރު ދެއްވި އެވެ.

ޓްރަމްޕު ސިފަކުރެއްވި ގޮތުގައިއިރާނުން މިހާރު މަޝްވަރާ ކުރަމުންދަނީ ”ވަރަށް ބަލިކަށި ހާލަތެއްގައި“ ތިބެގެންނެވެ.

އިރާނުގެ ދައުލަތުގެ ޓީވީން ބުދަދުވަހުގެ ހެނދުނު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއާ އެކު ވެވޭ އެއްބަސްވުމުގެ ދެލިކޮޕީގައި އިރާނަށް ބަންދުކޮށްފައިވާ ކަނޑުގެ ސަރަހައްދުތައް ހުޅުވާލުމާއި، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނައުމުގެ އިތުރުން ގަލްފް ސަރަހައްދުން އެމެރިކާގެ ސިފައިން ބޭލުން ހިމެނެ އެވެ. ނަމަވެސް ވައިޓް ހައުސްއިން ވަނީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެފަ އެވެ.

އިރާން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވެ، އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް މަތިވެފައިވީ ނަމަވެސް، ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް އަންނަން އޭނާ އަވަސްއަރުވައިނުލާނެ ކަމަށެވެ. ކޮންގްރެސްގެ ކޮންޓްރޯލް ލިބޭނީ ކޮން ބަޔަކަށްތޯ ކަނޑައަޅާ މި އިންތިހާބަށް ހަ މަހަށްވުރެ ކުޑަތަންވެފައިވާއިރު، ރިޕަބްލިކަން ޕާޓީގެ ޓްރަމްޕްގެ މަގުބޫލުކަން އޮތީ ވަރަށް ދަށުގައެވެ.

”އެމީހުން ހީކުރީ އިންތިހާބު އަންނާތީ އަހަރެން ކެތްމަދުވެގެން އުޅޭނެ ކަމަށް. އަހަރެން މިޑްޓާމް އިންތިހާބާ މެދު ކަންބޮޑެއް ނުވަން،“ އިރާނަށް ރައްދުދެއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

 

”ބޮން އަޅައި ގޮއްވާލާނަން“

ޓްރަމްޕްގެ އަރިހުގައި އިންނެވި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އިރާނާ އެކު ކުރާ މަޝްވަރާތަކުގައި ”ބައެއް ކުރިއެރުންތައް“ ލިބެމުންދާ ކަމަށެވެ.

”ކުރިއަށް އޮތް ގަޑިއިރުތަކާއި ދުވަސްތަކުގައި އިތުރު ކުރިއެރުމެއް ލިބޭތޯ ބަލާނަން،“ ރޫބިއޯ ވިދާޅުވި އެވެ.

ޓްރަމްޕް އިރާނު ޓީވީގެ ރިޕޯޓަށް ސީދާ ރައްދެއް ނުދެއްވި ނަމަވެސް، މަޝްވަރާތައް ކުރިއަށްދާ ގޮތާ މެދު އެކި ފަހަރު ވާހަކަދެއްކެވީ އެކި ގޮތަށެވެ. އޭނާ ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އިރާނަށް ވެސް އަދި އެހެން ބަޔަކަށް ވެސް ނުލިބޭނެ ކަމަށާއި، އެ ސަރަހައްދުން ފީ ނެގުމުގެ ބާރު އިރާނާއި އޮމާނަށް ލިބޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ކަމަށެވެ.

އަންނަ މަހު 80 އަހަރު ފުރޭ އެމެރިކާގެ ލީޑަރު ވަނީ އޮމާނުން ވެސް ޖެހޭނީ އެހެން މީހުންނެކޭ އެއްގޮތަށް އުޅެން ކަމަށާއި ”އެހެން ނޫން ނަމަ އަހަރެމެން ޖެހޭނީ އެ މީހުން ގޮއްވާލަން“ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ އިރާނާ އެކު އެއްބަސްވުމެއް ގާއިމްކުރެވޭނީ ސައޫދީ އަަރަބިއްޔާ އާއި އެހެނިހެން މުސްލިމް ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމްކުރުމުގެ ”އަބްރަހަމް އެކޯޑްސް“ ގައި ސޮއިކުރުމުން ކަމަށް ވެސް ވެދާނެ ކަމަށެވެ.

”އެމީހުން ސޮއި ނުކުރަންޏާ މި އެއްބަސްވުން ހަދަންވީ ކަމެއްވެސް އަހަންނަކަށް ނޭނގޭ،“ އޭނާ ވިދާޅުވި އެވެ.

އިރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ހަނގުރާމަ ފެއްޓެވި ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މިހާރު މަޝްވަރާކުރަމުންދާ އެއްބަސްވުމުގައި ޔުރޭނިއަމްގެ މައްސަލަ ފަހަށް ބޭއްވުމަށްފަހު، ތެލުގެ އަގު އުފުލިފައިވާ މައްސަލަ ހައްލުކުރުމަށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އިސްކަންދޭ ކަމަށް ބުނާ ރިޕޯޓްތައް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

ޔުރޭނިއަމްގެ މައްސަލައިގައި ފަހުން ވާހަކަދައްކާ ގޮތަށް މިވަގުތަށް އެއްބަސްވުމެއް ގަބޫލުކުރައްވާނަންތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެގޮތް ގަބޫލުކުރެވިދާނެ، ސަބަބަކީ މިއީ އަވަހަށް ކަންކަން ނިންމުމަށް ވެވޭ އެމްއޯޔޫއަކަށް ވާތީ ކަމަށެވެ.

ނަމަވެސް، އިރާނުގެ ޔުރޭނިއަމްތައް ރަޝިޔާ ނުވަތަ ޗައިނާއާ ހަވާލުކުރުމަށް ހުށަހަޅާފައިވާ ހައްލާ މެދު ހިތްހަމަނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!