ދުންފަތާ ޒުވާނުން ދުރުކުރުމުގައި ސާބިތުވެ ތިބޭނަން: ރައީސް
ދެންމެ | 31 މެއި 2026

ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ، ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަޙައްދުތައް ކަނޑައެޅުމާއި، ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނެކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ދުންފަތުން ރައްކާތެރި ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވާލައްވާފަ އެވެ.

ދުންފަތުގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތް ކުރުމަށް މިސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތުގެ ވިޔަފާރި ކުރެވޭ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. އަދި ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އޭގެ ނުރައްކާ މިންވަރު އެނގޭނެ ސިއްހީ އިންޒާރާއެކުގައިކަމަށްވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުންކުރުމާއި އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ ޖެނެރޭޝަނަލް ބޭން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 1 އިން ފެށިގެންވަނީ ތަންފީޒުކުރަން ފަށާފަ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!