ސިނގިރޭޓު ޑިއުޓީ ރޭޓް ބަދަލުކުރަން ވިސްނަމުންދާ ކަމަށް ސަރުކާރުން ބުނެފި
ދެންމެ | 31 މެއި 2026

ސިނގިރޭޓު ޑިއުޓީ ކުޑަ ކުރުމަށް ވިސްނަމުންދާ ކަމަށާއި އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު، ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާނެ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރުމާ އެކު، އޭރު އެ ބޭނުންކުރި މީހުން ކުއްލިއަކަށް ދުންފަތް ނުވަތަ ސިނގިރޭޓު ބޭނުންކުރަން ފަށާފާނެ ކަމަށް ބަލައި ސިނގިރޭޓުގެ ޑިއުޓީ ސަރުކާރުން 2024 ވަނަ އަހަރު ބޮޑުކުރި ކަމަށެވެ.

ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު 2024 ގަ އެވެ. އެ ފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ.

”ކަމާ ގުޅުން ހުރި އިދާރާތަކާ އަދި މިކަމުގައި ނިންމުމެއް ނިންމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މަޝްވަރތައް ކުރާނަން. އަދި މަޝްވަރާކުރުމަށް ފަހު، އެ ރޭޓަށް [4ރ.އަށް] ދާން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ނަމަ، ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،“ ހޯމް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މި ބަދަލުތައް ގެންނައިރު މާކެޓް ޑިމާންޑްއަށް އަންނަ ބަދަލުތައް އަދި މި ނިންމުންތަކުން ކުރާ އަސަރުތައް ހިސާބުކޮށް، ފަންނީ މާހިރުން ދޭ ލަފައަށް އަބަދު ވެސް ރިއާޔަތް ކުރާނެ އެވެ. އަދި ވަކިން ހާއްސަކޮށް ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގުވާމީ ޖަމިއްުޔާތަކުން ދޭ ލަފާތަކަށް ބަލާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައިވެ އެވެ. އޭގެ ތެރޭގައި، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު ތިން ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރުން ހިމެނެ އެވެ.

އެ ބަދަލު ގެނައުމާއެކު ސިނގިރޭޓުގެ އަގު ވަރަށް ބޮޑު އުފުލުނެވެ. އެގޮތުން ސިނގިރޭޓު ކާޓަންއެއްގެ 995 ރުފިޔާއިން 2240 ރުފިޔާއަށް އެ މަހު އެރި އެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށްފައިވާއިރު، ސިނގިރޭޓު ފޮއްޓެއްގެ އަގު 110އިން ގާތްގަނޑަކަށް 300 ރުފިޔާއަށް ބޮޑުވި އެވެ.

އެހެންނަމަވެސް އެ ބަދަލުތަކާއެކު ސިނގިރޭޓު ވިޔަފާރީގެ ކަޅު ބާޒާރެއް އުފެދި، އަގު ހެޔޮކޮށް ސިނގިރޭޓު ވިއްކުން އިތުރުވި އެވެ. ނަމަވެސް އެ ބަދަލު ތަންފީޒުކުރަން ފެށި ދުވަސްވަރު ބައެއް ވިޔަފާރިވެރިން ވަނީ އޭރު ސިނގިރޭޓުގެ ވިޔަފާރި ދަށްވި ކަމަށް ބުނެފަ އެވެ.

ސިނގިރޭޓު ޑިއުޓީއަށް ބަދަލު ގެނައުމަށް ފަހު، ހަމަ އެ އަހަރު ތެރޭގައި ސަރުކާރުން ވަނީ ރާއްޖޭން ވޭޕް މަނާކޮށްފަ އެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ، 2007ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް ސިނގިރޭޓު މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!