އެމްޑީޕީ ދޫކޮށް ދެން ނުދާނަން، މިއީ ލޯބީގެ އިޝްޤީ ހަޔާތެއް: ރައީސް ނަސީދު
ދެންމެ | 03 ޖޫން 2026

އެމްޑީޕީ ދޫކުރައްވައި، ދެން ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިންގައި ށ.ކޮމަންޑޫގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީން 2023 ވަނަ އަހަރު އެމަނިކުފާނު ވަކިވެވަޑައިގަތުމުން ”ބައިވަރު ޝަކުވާ ބަންނަން އެބަ ހުރިކަން“ އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ އެމަނިކުފާނުގެ މުޅި ހަޔާތް ކަމަށާއި އަދި ދުރުގައި ހުންނަވައިގެން ވެސް ބެއްލެވޭނީ އެމްޑީޕީގެ ކަންތައްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

”މިއީ އަޅުގަނޑުގެ ގެ. މި ހަރުގެ މިއީ [ކޮމަންޑޫ ހަރުގެ އަކީ] އެންމެ ފުަރަތަމަ އެއް ހަރުގެ. މިތަނަށް އަަބަދުވެސް އަންނަ ހިތްވާނެ. ދުރުގައި ހުރެގެން ވެސް ބެލެނީ މިތަނަށް. އަޅުގަނޑު މި ޕާޓީ ދޫކޮށެއް ނުދާނެ. އަޅުގަނޑު ކަނޑާލީމާ އަބަދުވެސް އަންނާނީ ރީނދޫ ލޭ،“ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ފިކުރެއް އަދި ފަލްސަފާއެއް ކަމަށް ސިފަކުރައްވައި ނަޝީދު ވިދާޅުވީ އެ ފިކުރާއި ފަލްސަފާ ދޫކޮށްނުލެއްވޭނެ ކަމަށެވެ.

އެމްޑީޕީ ދޫކުރައްވާ ވަަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމަށް ތާއީދުކުރާ ފަރާތްތަކުން ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ސަބަބަކީ ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެން، އެ ޕާޓީއާ ދެކޮޅަށް ކުރިން މަސައްކަތް ކުރެއްވުމެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ”ދަ ޑިމޮކްރެޓްސް“ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވުމުންނެވެ. އޭރު އެމަނިކުފާނާއި ސަޕޯޓަރުން ވެސް ތުހުމަތު ކުރެއްވީ އެ އިންތިހާބަށް، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ނުފޫޒު ފޯރުއްވި ކަމަށެވެ.

އޭރުގައި ނަޝީދު އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ އިން ރިޔާސީ ކެންޑިޑޭޓަކު ނެރެ، އެމްޑީޕީއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރިއިރު އެމްޑީޕީއަށް އެ އިންތިހާބު ނާކާމިޔާބުވީ ގާތްގަނޑަކަށް 15،000 ވޯޓުގެ ތަފާތުންނެވެ.

ނަޝީދާއި އެމްޑީޕީން އޭރު ވަކިވި އެހެން ބޭފުޅުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ މިދިޔަ އަހަރު އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!