އެމްޑީޕީ ފޯރިއަރުވައި ޖޯރާއި ޖޯޝްގެނެސް ކޮޅަށް ހިއްލާލެވޭނީ ރައީސް ނަސީދަށް: ރޮޒައިނާ
ދެންމެ | 03 ޖޫން 2026

އެމްޑީޕީއަށް ޖޯޝް އަނބުރާ ގެނެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޗެއާޕާސަންކަމަށް ގެނެވިގެން ކަމަށް ކުރީގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޓީމުގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު އާ ވަކިން ވާދަކުރި ދެ އިންތިހާބުގައި ކަންތައް ވެގެންދިޔަ ގޮތް ފެނިގެންދިޔަ ކަމަށެވެ. އަދި އެކީގައި ވާދަކުރި ކައުންސިލް އިންތިހާބުގައި ކަންތައް ވީ ގޮތް ފެނިގެން ގޮސްފިކަމަށެވެ.

ޗެއާޕާސަން އިންތިހާބަކީ އެމްޑީޕީ އެކުލަވާލަން އަލުން ލިބޭ ފުރުސަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މިއީ އެމްޑީޕީ އިން ދިޔަ މީހުން އަނބުރާ އެމްޑީޕީ އަށް އައިސް އެމްޑީޕީ ވަރުގަދަ ކަން މަތީގައި މަސައްކަތް ކުރަން ލިބޭ ފުރުސަތެއްގެ ގޮތުގައި، ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން އެންމެން ވެސް ގަބޫލު ކުރާނެ ހަގީގަތެއް ރައީސް ނަޝީދަކީ މި ޕާޓީއަށް ވަރަށް ޖޯޝް ގެނެސްދެއްވާ ބޭފުޅެއް. އެހެންމަ އެ ޖޯޝާ ފޯރީގަ 2028ގެ ރިޔާސީ އިންތިހާބުގަ އަޅުގަނޑުމެން ނިކުންނަން މި ޖެހެނީ. އެހެންވީމާ އެކަމަށް ބަލާލާއިރު މިވަގުތު ޗެއާ ޕާސަން ކަމަށް ރައީސް ނަޝީދު ވަޑައިގަންނަވާ ނަމަ އަޅުގަނޑުމެންނަށް ފެންނަނީ މި ޕާޓީ އިން ދުރަށް ޖެހުނު އެންމެން އަނބުރާ އައިސް އަޅުގަނޑުމެންނަށް މި ޕާޓީ އެކަތިގަނޑަކަށް ހަދައިގެން ކުރިއަށް ދެވޭނެ މަންޒަރު.“ ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާއަކީ ނިމުނު ރިޔާސީ އިންތިހާބުގައި ހުރީ ކުރީގެ ރައީސް ސޯލިހާއި އެކުގައެވެ. އަދި އޭރު ކުރީގެ ރައީސް ނަޝީދުއަށް އެންމެ ބޮޑަށް ފާޑުކީ މީހުންގެ ތެރޭގައި ވެސް ރޮޒައިނާ ހިމެނެއެވެ. އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް ނަޝީދަށް ރޮޒައިނާ ތާއީދު ކުރައްވާކަން ހާމަކުރެއްވީ ވެސް އައްޑޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޓީމުގެ ބައްދަލުވުމުގައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!