މާޗް 2 ވަނަ ދުވަހުން ފެށިގެން އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގައި މިހާތަނަށް މަރުވި އާންމުންގެ އަދަދު 3،500 އާ ގާތްކޮށްފައި ވެއެވެ. ޒަޚަމްވި މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައި ވެއެވެ. މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އެތައް ކުޑަކުދިންނާއި، އަންހެނުން ހިމެނެއެވެ.
ލުބުނާނުގެ މުޅި ދެކުނުގެ ހުރިހާ ރަށަކަށް އިސްތިއުމާރީ ސިފައިން ބޮންއަޅަމުން ގެންދެއެވެ. ބޮންއަޅައި، އެތަކެއްހާސް ގެތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އާންމު ޚިދުމަތްދޭ އިމާރާތްތައް ގޮއްވާލާފައި ވެއެވެ. އުދުވާނު އަދިވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.
ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންގެންދަނީ އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި، އިމަޖެންސީ ޓީމުތަކުންނެވެ.
ލުބުނާނުގެ މިނިވަން މީޑިއާ ވަސީލަތްތަކުން ބުނަނީ، އިސްތިއުމާރީ ސިފައިން ބޮންއަޅައި ހަލާކުކޮށްލުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ހަތްލައްކަ ފަންސާސްހާސް މީހުން ސްކޫލްތަކާއި، އެނޫންވެސް ތަންތަނުގައި ވަގުތީ ބޯހިޔާވަހިކަން ހޯދައިގެން އެބަތިބި ކަމަށެވެ. ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަމީހުން އެއްވެސް ބޯހިޔާވަހިކަމެއްނެތި އަދިވެސް މަގުމަތިވެފައި އެބަތިބި ކަމަށެވެ.
ހާލުގައި ޖެހި މަގުމަތިވެފައި ތިބި މީހުންނާއި، ހާލުގައި ޖެހިފައިވާ އެހެން މީހުންނަށް އެހީތެރިވުމަށް އދއިން އެކަށީގެންވާ މަސައްކަތެއް ނުކުރާއިރު، ލުބުނާނު ސަރުކާރުންވެސް އަޅާނުލާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ލުބުނާނު ސަރުކާރުގެ އަމަލުތައް ހުރިގޮތުން ލުބުނާނު ހަނގުރާމައެއްގެ ތެރޭގައި އޮތް ކަމަކަށް ސަރުކާރުން ނުދެކޭ ކަމަށް އެކިއެކި ވަސީލަތްތަކުން ބުނެއެވެ.
އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެއްޗެއް ބުނެފާނެތީ، އިސްތިއުމާރީ ބާރުން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދޭންވެސް ސަރުކާރުން ދަނީ ފަސްޖެހެމުންނެވެ.
ލުބުނާނުގެ ދެކުނަށް ޒަޔަނިސްޓު ސިފައިން އަރައި ލުބުނާނުގެ ދެކުނުގެ އެތައް ރަށެއް އިސްތިއުމާރުކޮށް އަދި މިހާރުވެސް އިތުރު ރަށްތައް ފޭރިގަންނަމުން ދާއިރު، ސިފައިން ފޮނުވައިގެން އިސްތިއުމާރީ ސިފައިން ހުއްޓުވާކަށް ލުބުނާނު ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ލުބުނާނުގެ ރަށްތަކަށް ބޮންއަޅަމުންދާ ޒަޔަނިސްޓު ޖެޓުތައް ހުއްޓުވަންވެސް އެއްވެސް ކަމެއް ނުކުރެއެވެ. ލުބުނާނުގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލުގެ ތެރޭގައި އޮތްއިރު ކަހާތަން ހިރުވާވެސް ނުލައެވެ.
އޭގެ ބަދަލުގައި ލުބުނާނު ސަރުކާރު ފެންނަނީ ހިޒްބުﷲގެ ފަހަތުގައި އަޅައިގަނެގެން އުޅޭތަނެވެ. ހިޒްބުﷲއަށް އަދަބު ދީގެން ދަތިކޮށްގެން އެމެރިކާއާއި ހުޅަނގު ރުއްސަން އުޅޭތަނެވެ. އަސްލު މައްސަލައަކީ ހިޒްބުﷲ ކަމަށް ދައްކައިގެން ދުނިޔޭގެ ހަމްދަރުދީ ހޯދަން އުޅޭތަނެވެ.
އެކަމަކު، ޒަޔަނިސްޓު ސިފައިން ލުބުނާނަށް އަރައިގަނެ ލުބުނާނުގެ ދެކުނުގެ ބިންތައް ފުރަތަމައިނުން ފޭރެންފެށިއިރު ހިޒްބުﷲ ވުޖޫދަކުވެސް ނެތެވެ. ހިޒްބުﷲ އުފެދުނީވެސް އިސްތިއުމާރީ ބާރު، ލުބުނާނުގެ ބިމުން ފައްސާނަގާލުމަށެވެ. އިސްތިއުމާރީ ސިފައިން ލުބުނާނުގެ ބިންތަކުން ފައިބަން މަޖުބޫރުކުރީ ހިޒްބުﷲއިންނެވެ. އިސްތިއުމާރީ ބާރާ ދެކޮޅަށް ކުރިން ކުރި 2 ހަނގުރާމަވެސް ކާމިޔާބު ކޮށްފައިވަނީ ހިޒްބުﷲއިންކަން އެންމެނަށްވެސް އެނގެއެވެ.
ހިޒްބުﷲއިން ބުނަނީ އެމީހުންނަކީ ލުބުނާނުގެ އަސްކަރިއްޔާ ކަމުގައިނުވާތީ އިސްތިއުމާރީ ސިފައިން ލުބުނާނުގެ ބިމަށް އަރައިގަތުން ނުހުއްޓުވޭނޭ ކަމަށެވެ. އެކަމަކު، އެރުމަށްފަހު ދެން އޮންނަނީ ހިޒްބުﷲގެ ބާރު ކަމަށް ބުނެފައި ވެއެވެ.
އިސްތިއުމާރީ ސިފައިން އަނެއްކާވެސް ލުބުނާނުގެ ބިންތައް އިސްތިއުމާރު ކުރުމުން އެކަން ހުއްޓުވާން އުޅޭތީ ލުބުނާނު ސަރުކާރަށާއި، އެމެރިކާ، އީޔޫ އަދި ހުޅަނގަށް ގޯސްވެފައިވަނީ ހިޒްބުﷲއެވެ.
މިދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ހިޒްބުﷲއަށް ކިރިޔާވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އީރާނުންނެވެ. ކިރިޔާވެސް ހިތްވަރުގެ ބަހެއް ބުނެލާފައިވަނީ އީރާނުންނެވެ.
އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުން ގެންދިޔަ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވަން، އިސްތިއުމާރީ ދައުލަތަށް އިންޒާރުތައް ދިނުމަށްފަހު ފުރަތަމަވެސް އަމަލީގޮތުން ކަމެއް ކުރަންފެށީ ހިޒްބުﷲއިންނެވެ. އޭގެފަހުން ޔަމަނުގެ ހޫޘީންނެވެ. އިސްތިއުމާރީ ސިފައިން ޣައްޒާގެ އާބާދީ އެއްކޮށް މަރައިހުސްކޮށްލަން ރޭވި ރޭވުން ހުއްޓުވީ ހިޒްބުﷲއިން އިސްރާއީލުގެ އުތުރަށް ދޭންފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އެއީ، ޣައްޒާގެ އާންމުންނަށް އިސްތިއުމާރީ ސިފައިން ޕްރެޝަރކުރުން ކުޑަކުރަން އެޅި ފިޔަވަޅެކެވެ. އިސްތިއުމާރީ ސިފައިން އެއްގަމުމަގުން ޣައްޒާއަށް އަރައިގަތުން މަޑުޖެހުނީވެސް އެހެންވެގެންނެވެ.
ލުބުނާނުގެ ވަށައިގެން ހުރީ އަރަބި އިސްލާމީ ގައުމުތަކެވެ. ހަމަލާތައް ހުއްޓާލުމަށް މީގެކުރިން ދެފަހަރު ވެވުނު އެއްބަސްވުންތަކާވެސް ޚިލާފްވެ އިސްތިއުމާރީ އިސްރާއީލުން ލުބުނާނަށް ކެނޑިނޭޅި ބޮންއަޅައި، އާންމުން މަރައި ސުންފާތި ކުރަމުން ދިއުމާއެކުވެސް، އަވަށްޓެރި ގައުމަކުން އެކަން ހުއްޓުވަން އާރުލާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ”ހަރުކަށި“ ބަޔާނެއް ނެރުން ފިޔަވައި ކުރި އެއްވެސް ކަމެއް ނެތެވެ. ލުބުނާނާ އެއްކޮޅަށް އަރައި ކުރި އެއްވެސް ކަމެއް ނެތެވެ.
ހިޒްބުﷲއަށާއި، ލުބުނާނުގެ ރައްޔިތުންގެ ހައްގުގައި ކޮންމެ ފަހަރަކު ތެދުވަނީ އީރާނެވެ. ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއެކު ހެދި އެއްބަސްވުމުގައި އީރާނުން ފުރަތަމަވެސް ލުބުނާނު ހިމެނިއެވެ. އެކަމުގެ ސަބަބުން ވެރިރަށް ބެއިރޫތަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓިގެންދިޔައެވެ. އަނެއްކާވެސް ބެއިރޫތަށް އަރަން ޒަޔަނިސްޓުން ދިމާކުރުމުން އީރާނުން ވަނީ، އިސްރާއީލު ނުހުއްޓުވައިފިނަމަ އެމެރިކާއާއެކކު ބާއްވަމުންދިޔަ ވާހަކަތައް ހުއްޓާލައި، މެސެޖް ބަދަލުކުރުމުގެ ދޮރު ބަންދުކޮށްފައެވެ. އެމެރިކާގެ ރައީސަށް ޖެހުނީ އެ ދޮރު ހުޅުވާށެވެ. ނަތަންޔާހޫއަށް ގުޅައި ޓްރަމްޕަށް ޖެހުނީ ގޮތްތަކެއް ހޯދާށެވެ.
އީރާނުން މިހާރު އަންގަމުންގެންދަނީ، އެމެރިކާއާއި އެއްވެސް ވާހަކައެއް ދައްކާނީ، ލުބުނާނުގެ އިތުރުން، އިސްތިއުމާރީ ބާރުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައްވެސް ހުއްޓާލުން އެއްބަސްވުމުގައި ހިމެނުމުން ކަމަށެވެ. އީރާނުގެ އެ ޑިމާންޑްވެސް ޓްރަމްޕް ޖެހޭނީ ގަބޫލުކުރާށެވެ. އީރާނު މިހާރު އޮތީ ފުރިހަމަ ބާރުގައެވެ.
އީރާނުގެ ވެރިންގެ ވާހަކަތައް ހުރިގޮތުން ދޭހަވަނީ އެމެރިކާއާއެކު އެއްބަސްވުމެއް ހެދުމަށް ހަގީގަތުގައި އީރާނު ބޭނުން ނުވާކަމަށެވެ. އީރާނު ބޭނުންވަނީ ހަނގުރާމަކޮށްގެން އެމެރިކާ ބަލިކުރުމަށެވެ.



