އެއްވެސް ސަބަބަކާއި ހުރެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރޭވެނެކަމަށް ބުނުމަކީ ޕާޓީ ދަށްކޮށްލުން ކަމަށާއި އެއީ ބުނެވޭ ބަދުބަހެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ 2013 ވަނަ އަހަރު އެމްޑީޕީއަށް ގާތްގަނޑަކަށް 50 ޕަސެންޓު ވޯޓު ލިބުނު ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަދާލަތު ޕާޓީއަކީވެސް އެއްވެސް ތަނަކުން ގޮނޑިއެއް ލިބުނު ޕާތީއެއް ނޫން ކަމަށާއި ކައުންސިލް އިންތިހާބެއްގައިވެސް އެޕާޓީއެއް ގޮނޑިއެއް ނުލިބޭ ކަމަށެވެ.
”އަދާލަތު ޕާޓީއާއި އަޅޫގަނޑުމެންނާއި ގަތް ވާން ފެށީ، އެ ބޭފުޅުން އަމިއްލައަށް ނިންމެވީ އަޅުގަނޑުމެންނަކީ އިސްލާމްދީން ނޭންގޭ ބައެއް ކަމަށް ދެކިގެން މިވާހަކައާއި އެކީގައި އެ ޕާޓީގެ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންގެ ގާތަށް އައީ. ދެން މިހާރު އެބަ އިންގޭ އެބޭފުޅުންވެސް ދައްކާފާ ހުރި ވާހަކަތަކަކީވެސް އެއްގޮތަކަށްވެސް އާރެއްލާ ވާހަކަތަކެއް ނޫން ކަން“
ރައީސް ނަޝީދު ދެން ފާހަގަކުރެއްވީ ޖުމްހޫރީ ޕާޓީގެ ވާހަކައެވެ. އެގޮތުން ޖުމްހޫރީ ޕާޓީއަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިލްޔާސް ލަބީބާއި އެއްވަރަށްވެސް ވޯޓު ނުނެގުނު ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މާމިގިލީ ވޯޓުގައިވެސް އެމްޑީޕީއާއި އެކު ވަރަށް ވާދަވެރިކޮށް ވޯޓުގެ ނަތީޖާ އަބަދުވެސް ދާ ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.
މީގެއިތުރަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މި އިންތިހާބު ކާމިޔާ ނުކުރެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ދެކިގެން ނުވާނެ ކަމަށެވެ. އެއީ ޕާޓީއާއި ދެތެރޭ ބުނެވޭ ވަރަށް ބޮޑު ބަދު ބަހެއް ކަމަށާއި އަދި އެއީ ޕާތީ ދަށްކޮށްލުުންކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް އެއްލައްކަ މެމްބަރުންނާއި ހަމައަށްވެސް ދެވޭނެ ކަމަށާއި 60،000 ވޯޓުވެސް ހޯދޭނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވެރިކަން ހޯދުމުގައި ޕާޓީތައް އެކުވެ ކޯލިޝަން ހެދުމާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ. އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވަނީ، ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އިންތިހާބުވީ ހުރިހާ ސަރުކާރެއްވެސް ވެރިކަމަށް އައިސްފައިވަނީ ކޯލިޝަނަކުން ކަން ފާހަގަކުރައްވައިފައެވެ.
ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެވޭނީ އެންމެ ޕާޓީއަކަށް ނޫން ކަމަށާއި، އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ ހުރިހާ ޕާޓީތަކަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.



