އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ނިންމައިފި
ދެންމެ | 16 ޖޫން 2026

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް ހުށަހެޅުއްވި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގަރާރު ހުށަހެޅީ އެ ޕާޓީގެ ސެކްރެޓޭރިއެޓުންނެވެ.

އެ ގަރާރުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ގާނޫނުގައިވާ މުއްދަތު ދަންމާލައި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށާއި އަދި ރައީސް މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި، އަދި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ތިބި މީހުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑްކުރުމާއި އާއިލާއާ ދުރު ރަށްރަށަށް ބަދަލުުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

މީގެ އިތުރުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް ސިޔާސީ ދައުވާތައް އުފުލަމުން ގެންދާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެ ގަރާރު މިރޭ ފާސްކޮށްފައި ވަނީ މައިގަނޑު ތިން ކަމަކަމަށެވެ. އެއީ:

އެމްޑީޕީން ރަށު ކައުންސިލްތަކާއެކު މަސައްކަތްކުރުމަށް.

ސިޔާސީ ގޮތުން މުވައްޒަފުން ވަކިކުރާތީއާއި ސިޔާސީ ދައުވާތައް އުފުލާފައިވާ މީހުންގެ މައްސަލައާ ގުޅިގެން އެކަމާ ދެކޮޅަށް މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް.

އެފަދަ މީހުންނަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެހެނިހެން އެހީ ދިނުމަށް.

ނަޝީދުގެ ރިޔާސަތުގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުން އަންނަ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި މުޒާހަރާކުރުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!