އިނާޔަތްތަކާއެކު އެޗްޑީސީން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުޅުވާލައިފި
ދެންމެ | 19 ޖޫން 2026

އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

މި ނިންމުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދީފައިވާ އިރުޝާދާ އެއްގޮތަށް، އެޗްޑީސީގެ ބޯޑުން ފާސްކުރި އާ އޮނިގަނޑެއްގެ ދަށުން ނިންމި ނިންމުމެކެވެ.

އެޗްޑީސީން އިއްޔެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، ރިޓަޔާމަންޓް ޕޮލިސީއާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް ކުންފުނީގެ ބޯޑުން މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މައިގަނޑު ދެ ގޮތަކަށް ފުރުސަތު ލިބޭނެ ކަމަށް އެ މެމޯގައި ބަޔާންކޮށްފައިވެއެވެ.

ފުރަތަމަ ގޮތަކީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމެވެ. މިގޮތަށް ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް، އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ދެވަނަ ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަވުމެވެ. މި ފުރުސަތުގެ ދަށުން، ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ހިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަޤާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި، ޝަރުތުތައް އަދި އެދި ހުށަހަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މެމޯގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!