ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ އީ-ވޯޓިންއަށް މަގުފަހިކޮށް، ކުރިއަށް އޮތް އިންތިހާބުތަކުގައި ”ވޯޓުން ވައްކަން ކުރުމަށް“ ތައްޔާރުކޮށްފައިވާ ބިލެއްކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ތުހުމަތު ކުރައްވައިފިއެވެ.
ޣަފޫރު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަށް ބަހުސް ކުރައްވަމުންނެވެ،
މި ބިލުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި ”މޯލްޑިވްސް ޑިޖިޓަލް ސަރވިސް“ ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައެވެ. މި އިދާރާ އުފެދުމާއެކު، މިހާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ޑިޖިޓަލް ސަރވިސްގެ އެންމެހާ މަސްއޫލިއްޔަތުތަކާއި، މުވައްޒަފުންނާއި، ހައްގުތައް އައު އިދާރާއަށް ބަދަލުވެގެންދާނެއެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ އިދާރާތަކުގެ މެދުގައި ފަސޭހަކަމާއެކު ޑޭޓާ ބަދަލުކުރެވޭނެ އިންޓައޮޕަރަބަލް ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން، އިންފޮމޭޝަން ސިސްޓަމްތަކުގައި ބޭނުންކުރާ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކަށް ބަރޯސާވެވޭނެ ފަދަ އިތުބާރުހުރި ދަފުތަރުތަކެއް އެކުލަވައިލުމަށްވެސް ބިލުގައި މަގުފަހިކޮށްދީފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ، ސަރުކާރުން ޑިޖިޓަލައިޒް ކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، މިއީ ހަގީގަތުގައި އީ ވޯޓިންއަށް ދިއުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ޣަފޫރު ވިދާޅުވީ، މިއަދު އިތުރު އޮފީސްތައް ހަދައި، މުވައްޒަފުން ނަގައިގެން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނާޖާއިޒު ގޮތުގައި ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ.
ޣަފޫރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްވެސް ބިލަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. ޣަފޫރު ފާހަގަކުރެއްވި ގޮތުގައި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާ ފަދަ އަސާސީ ކަންކަން ނިންމަން ޖެހޭ އިރު، އެ ކަންކަން ނުކޮށް ސަރުކާރުން އުޅެނީ ވަގު ވޯޓު އެޅޭނެ މަގެއް ހޯދުމަށް ކަމަށެވެ.
މީގެއިތުރުން ބިލުގެ ބަހުސްގެ ތެރެއިން ޣަފޫރު ވަނީ، ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް ވާހަކަ ދައްކަވާފަ އެވެ. އަދި ސަރުކާރަށް ފާޑުކިއުން އަމާޒު ކުރެއްވުމުން ރިޔާސަތުން ވަނީ އެކަން ހުއްޓުވައި އެޖެންޑާގައިވާ ބިލަށް ވާހަކަ ދެއްކެވުމަށް އިލްތިމާސް ކުރައްވާފަ އެވެ. ރައްދުގައި ޣަފޫރު ވިދާޅުވީ މިއަދުގެ އެޖެންޑާގައި އިސްލާހު ހިމަނާފައިވާކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެޖެންޑާގައި އިސްލާހު އޮތް ނަމަވެސް، ބަހުސް ކުރަން ޖެހޭނީ އެވަގުތުގެ މައުޟޫއުއަށް ކަމަށެވެ.
މީގެއިތުރުން ޣަފޫރު ވިދާޅުވީ، ރައްޔިތުން މިއަދު ތިބީ ވަރަށް ބޮޑު ތަކުލީފެއްގެ ތެރޭގައި ކަމަށެވެ. ޣަފޫރު ވިދާޅުވީ، ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި، ކޮންމެ ދުވަހަކު އިވެނީ ބޮޑެތި ވައްކަންތަކުގެ ވާހަކަ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ މި ބިލަކީ 2028 ގެ އިންތިޚާބަށް އަމާޒުކޮށް، މިނިވަން އިންތިހާބަކުން ރިޔާސީ އިންތިހާބު ނުލިބޭނެކަން އެނގޭތީ އީ-ވޯޓިން މެދުވެރިކޮށް ކަންކަން އޮޅުވާލުމަށް ތައްޔާރުކޮށްފައިވާ ގާނޫނީ ބޮޑު ވައްކަމެއްކަމަށް ވިދާޅުވިއެވެ.



