ސަތޭކަ އިންސައްތަ މުސްލިމް ގައުމެއްގައި “އެކަނިވެރި މައިން“ މި މަފްހޫމް އޮންނަންޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އާދިއްތަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ބައްޕައިންގެ ދުވަހާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ، ކޮންމެ އަންހެނަކާއި ކުޑަކުއްޖެއްގެ އަސާސީ ބޭނުންތައް ފުއްދައިދީ، ހިމާޔަތްތެރިކަން ފޯރުކޮށްދިނުމަކީ އިސްލާމްދީނުގައި ބަލަދުވެރި ފިރިހެނާގެ މައްޗަށް އޮތް ބޮޑު ޒިންމާއެއް ކަމަށެވެ.
ރާޝިދާ ފާހަގަކުރެއްވި ގޮތުގައި، ވާރުތަ މުދާ ބަހާއިރު ބަލަދުވެރިޔާ ހުރި ތަނަކުން ހޯދައިގެން ކޯޓަށް ހާޒިރުކޮށް މުދާ ހަވާލުކުރި ނަމަވެސް، އޭނާގެ މައްޗަށް ލާޒިމްވާ ދީނީ އަދި އާއިލީ ޒިންމާތައް އަދާކުރުވަން ބާރުއަޅާނެ ފަރާތެއް ނެތެވެ.
”މީ 100 ޕަސެންޓު މުސްލިމް ގައުމެއްގައި ތިބެންޖެހޭ ބައެއް ކަމަކަށް އަޅުގަނޑު ނުދެކެން. ކޮންމެ އަންހެނެއްގެ އަދި ކޮންމެ ކުޑަކުއްޖެއްގެ ދިރިއުޅުމުގެ އަސާސީ ބޭނުންތަކާ ހައްގުތައް ފުރިހަމަކޮށްދީ ރައްކާތެރިކޮށްދިނުމުގެ ދީނީ ޒިންމާ އަދާކުރަންޖެހޭ. ބަލަދުވެރިއެއް (ފިރިހެނެއް) ހުންނާނެ. މުދާ ބަހާ ދުވަހުން މި ބަލަދުވެރިޔާ ހުރި ތާކުން ހޯދައިގެންވެސް ކޯޓުން ގެނެސްގެން މުދާ ހަވާލުކުރާނެ. އޭނާގެ ޒިންމާ އަދާކުރަން ބާރުއަޅާ މީހަކު ނޫޅޭ. ނިކަމެތި މަންމައިންނަށާއި ޅަދަރިންނަށް ދައުލަތުން އެހީވެދިނުމަކީ މުޅިން އެހެން ކަމެއް،“ ރާޝިދާ ލިޔުއްވާފައިވެއެވެ.
އެކަނިވެރި މައިންގެ ލަގަބު ދިވެހި މުޖުތަމައަށް ތައާރަފްވީ ޒިންމާދާރުކަން ކުޑަ ބަލަދުވެރިންގެ ސަބަބުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ބައްޕައިންގެ ދުވަސް ފާހަގަކުރާއިރު ބައްޕަގެ އަޅާލުން ނުލިބޭ ކުދިންނާއި ބައްޕަ ނިޔާވެފައިވާ ކުދިންގެ ހިތްތަކަށް ކުރާނެ އަސަރުތައް ވެސް ވަޒަންކުރަންޖެހޭ ކަމަށެވެ.
ރާޝިދާގެ މި ވާހަކަފުޅުތައް އަމާޒުވެފައިވަނީ ކައިވެނި ރޫޅުމާއި ވަކިވުމުގެ ސަބަބުން ދަރިން ބަލަހައްޓާ މައިންނަށް ދައުލަތުން ދެމުންދާ މާލީ އެހީތެރިކަމަށް ކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުން ވަނީ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީތެރިކަން ބޮޑުކޮށްފައެވެ. ކުރިން ކުއްޖަކަށް ދެމުން އައި 1،000 ރުފިޔާގެ އިނާޔަތް މިހާރު ވަނީ 3،000 ރުފިޔާ އަށް އިތުރުކޮށްފައެވެ. މި ބަދަލާއެކު، އެއް ކުއްޖަކު ބަލަހައްޓާ ފަރާތަކަށް މަހަކު 3,000 ރުފިޔާ ލިބޭއިރު، ގިނަވެގެން މަހަކު 12,000 ރުފިޔާ އާއި ހަމައަށް އެހީގެ ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންސްޕާގައި ރަޖިސްޓްރީވެގެން މިހާރުވެސް 5,400 އަށްވުރެ ގިނަ އެކަނިވެރި މައިން މި އިނާޔަތް ހޯދަމުންދެއެވެ.



