ދިވެހިރާއްޖޭގެ މާލީ ހާލަތު މިހާރު ވެއްޓިފައިވާ އަނދަވަޅުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އެއްވެސް ހިފެހެއްޓުމެއްނެތި ގިނަ އަދަދަކަށް ފައިސާ ޗާޕުކޮށް ބާޒާރަށް ނެރުން ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނާ ސުވާލުކުރުމަށް ކަނޑައެޅިފައިވާ ވަގުތުގައި، ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައި ވަނީ ގާނޫނުތައް ހިފަހައްޓައި، އޭރުގެ ސަރުކާރުން އަމަލުކުރި ޒިންމާދާރުކަންކުޑަ ގޮތުން ކަމަށެވެ. މެމްބަރު ނިޒާރު ވަނީ، އެމްޑީޕީން މަޖިލީހުގެ މެޖޯރިޓީގެ ބޭނުންކޮށްގެން ގާނޫނުއަސާސީގެ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމަށް ފަހު ފައިސާ ޗާޕުކުރުމުން، އޭގެ ސަބަބުން އިގްތިސާދަށް ކުރި ނޭދެވޭ އަސަރާ ގުޅޭގޮތުން ވަޒީރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ރައްދުދެއްވަމުން ސައީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، ދިވެހި ރުފިޔާގެ އަގު ވެއްޓުމަށް މެދުވެރިވި އެންމެ ބޮޑު މައްސަލައަކީ 8 ބިލިއަން ރުފިޔާ ޗާޕުކުރުމެވެ. ދުނިޔޭގެ މާލީ އިދާރާތަކުންނާއި، ވޯލްޑް ބޭންކުން އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށް، އެއްވެސް ދެފުށްފެންނަ ގޮތެއް ނެތި އަދި ބިރެއް ނެތި ކުރީ ސަރުކާރުން އެ އަމަލު ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީއެންސީ އޮތް ދުވަސްވަރު ވެސް، އަދި އެމްޑީޕީގެ ތެރެއިން އުފެދުނު ޑިމޮކްރެޓްސްއިން ވެސް މި ނުރައްކާތެރި ނިންމުމާ ދެކޮޅަށް އަޑުއުފުލިކަން ވަޒީރު ހަނދާންކޮށްދެއްވިއެވެ. އަދި ކުރީގެ ވެރިކަން ބަދަލުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ދިއުން ހިމެނޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ކަންކަން ތަކުރާރު ނުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖޭގައި ފައިސާ ޗާޕުކުރުން މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރު ނިމި، މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި އޮތީ ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ.



