ރާއްޖެއިން ހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވީ ފޮރިންގ މިނިސްޓްރީގެ ގޮތެއް ފޮތެއް ނެތިގެންކަން ހާމަ ވެއްޖެ
ދެންމެ | 08 ޖުލައި 2026

އިރާނުގެ ސުޕްރީމް ލީޑަރ، ޝަހީދު އާޔަތުالله އަލީ ޙާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނު ސަބަބު ފޮރިން މިނިސްޓްރީން ބުނެދީފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާޔަތުالله އަލީ ޙާމަނާއީ އަވަހާރަވުމާ ގުޅިގެން ޖުލައި ތިނެއްވާ ހުކުރު ދުވަހު އެ މަނިކުފާނުގެ ރަސްމީ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ދީފައިވާ ކަމަށެވެ.

އަދި އެ ދައުވަތުގައި ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ދިވެހިރާއްޖޭން ސައުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު ސަރީރު ކަމުގައި ވާނީ އިރާން ސަރުކާރަށް ރަސްމީކޮށް އަންގާފަ އެވެ.

ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން އަންގަވާފައިވަނީ ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ.

އަދި މި މައުލޫމާތު ލިބުމާ ގުޅިގެން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ނަމަވެސް ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާ ކަމަށާއި، ސްޓޭޓް މިނިސްޓާ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭ ފަހުން ކަމުގައިވާތީ އާއި، ދިވެހިރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އިރާން ސަރުކާރުން ޝުކުރުއަދާ ކުރައްވާކަން އެންގެވި ކަމަށް ފޮރިން އަދި އެ ދަތުރުފުޅު މި ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް ލަފާދެއްވި ކަމަށެވެ.

އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ހާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!