ބޭންކޮކްގެ ރާބޯ ކެފޭއެއްގައި ރޯވެ، 27 މީހުން މަރުވެއްޖެ
ދެންމެ | 13 ޖުލައި 2026

ތައިލެންޑްގެ ވެރިރަށް، ބެންކޮކްގެ އުތުރުގެ މަޝްހޫރު ޕަބެއް (ރާ ބޯ ކެފޭއެއް)ގައި އަލިފާން ރޯވެ 27 މީހަކު މަރުވެ 63 މީހަކަށް އަނިޔާވެއްޖެއެވެ.

”27 ހަށިގަނޑު ބޭރަށް ނެރެފައިވޭ، އެއީ ދިރުމެއް ނެތް ހަށިގަނޑުތަކެއް،“ ރޭގެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ތައިލެންޑްގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރާކުލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެމީހުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.

ޕަބްގައި ޕާފޯމް ކުރަމުން ދިޔަ މިއުޒީޝަނަކާއި ހަވާލާދީ އަނޫޓިން ވިދާޅުވީ، އެތަނުން ކަރަންޓް ކެނޑުމުގެ ކުރިން ސްޓޭޖް ކައިރީގައި ހުރި ސާކިއުޓް ބްރޭކަރަކުން ދުން ނިކުތްތަން ފެނުނުތަނާހެން، ގޮވުމެއްގެ އަޑު އިވުނު ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ބޯ ދުން ފެތުރިގެން ދިޔަ ކަމަށްވެސް އޭނާ ބުނި ކަމަށްވެސް، އަނޫޓިން ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވި ގިނަބައެއްގެ ހަށިގަނޑުތައް ފެނިފައި ވަނީ އެ ޕަބްގެ ފަހަތުގައި ހުންނަ ފާހަނަ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަސްޓް ރެސްޕޮންޑަރުން އޮންލައިންކޮށް ހިއްސާކުރި ފޫޓޭޖުތަކުން ފެންނަނީ ތައިލެންޑްގެ ވެރިރަށް އުތުރު ފަރާތުގައި އޮންނަ ނާ ލަޑްޕްރާއޯ ޕަބްގެ ކުރިމަތީ ދޮރުން ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަމުންދާ ތަނެވެ. އަދި އުޑުމައްޗަށް ކަޅު ދުން އަރަމުންދާ މަންޒަރުވެސް ފެންނަމުންދާއިރު، މީހުން ފިލަން އުޅުނު މަންޒަރު ފެނިފައިވެއެވެ.

ސަލާމަތީ ފަރާތްތަކުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު ވަގުތެއްގައެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާ ފައިޓަރުންނަށް ގާތްގަނޑަކަށް ބައިގަޑިއިރު ހޭދަވިއެވެ. އޭގެ ފަހުން ނަގާފައިވާ ފޮޓޯތަކުން ފެންނަނީ އަނދާފައިވާ މޭޒުތަކާއި ގޮނޑިތަކާއި، ޕަބްގެ އެތެރެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ މަންޒަރެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!