ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ދެންމެ | 13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ، ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަން ކުރެއްވުގެ ގޮތުން ކަމަށެވެ.

ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި، މިއަދު މެންދުރު 12:00އިން ފެށިގެން މާދަމާ މެންދުރު 12:00ގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ.

ޝައިހު ހަމަދު އަވަހާރަވުމާ ގުޅިގެން ގަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު މިއަދު ހެނދުނު ވަނީ އެ ގައުމަށް ވަޑައިގެންފަ އެވެ.

އަމީރުންގެ ބައްޕާފުޅުގެ ގޮތުގައި ސިފަކުރާ ހަމަދުގެ ދައުރުގައި ގައުމަށް އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެވި އެވެ. ހާއްސަކޮށް އިގުތިސާދީ، އިޖުތިމާއި އަދި ސަގާފީ ގޮތުން ބައިނަލްއަގްވާމީ ދުނިޔޭގައި ގަތަރު ވަރަށް ފާހަގަކޮށްލެވޭ ގައުމަކަށްވެގެން ދިޔައީ ޝައިހް ހަމްދާންގެ ދައުރުގަ ތެރޭގަ އެވެ.

ޝައިހް ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިހު ހަމަދު ބިން ހަލީފާ އާލް ސާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!