ނޫސްތަކަށް ނަސޭހަތްތެރިވީ ހެޔޮ އެދޭތީ: އަމްރް
ދެންމެ | 03 ޖުލައި 2023

ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވީ ’މީޑިއާތަކަށް ހެޔޮއެދޭތީ‘ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވަނީ ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކާމެދު ހިތްހަމެޖެހިވަޑައިނުގެން އެއީ ރައީސް އޮފީހުން އަންގާ ހެޑްލައިނެއް ޖެހުމަށް ކުރަމުންދާ ސުވާލުތައް ކަމަށް ތުހުމަތުކުރައްވާފައެވެ.

އަދި ނޫސްތަކަށް ސަރުކާރުން ފައިސާ ދޭކަމަށް ތުހުމަތުކުރައްވާ އަމްރު ވަނީ އެ ފައިސާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް ވިދާޅުވެފައެވެ. އަމްރު ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ނޫސްވެރިންނަށް ފާޑު ވިދާޅުވެފައެވެ. މި ހަތަރު އަހަރު ތެރޭގައި ނޫސްވެރިކަމުގެ ދަރަޖަ ފަަހަތަށް ސޮއްސާލާފައިވާ ކަމަށާއި، ނޫސްވެރިކަމުގައި ކުރިއެރުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ނޫސްތަކުގެ ވެރިން ތިބީ ”ވިކިފައި“ ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.

އަމްރުގެ މި ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުންނާއި، ބައެއް ނޫސްވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އަމްރު މިއަދު ވިދާޅުވީ އޭނާ ފާޑުވިދާޅުވީ ހުރިހާ ނޫސްތަކަކަށް ނޫންކަމަށެވެ.

”ނަމަވެސް ހިނގަމުންދާ ނޭދެވޭ ކަމެއް ތިލަކޮށް ސާފުކޮށް ބުނުމަކީ ހެޔޮގޮތް ކަމަށް ދެކެން. އަދި އަޅުގަޑު ދައްކާ ވާހަކައެއް ދައްކަނީ މީޑިޔާއަށް ވެސް ހެޔޮއެދޭތީކަމާ، ކަންކަން އިސްލާހުކުރުމުގެ ވިސްނުމުގަ ހެޔޮހިތުން ކަމަށް ވެސް ޔަގީންކަން އަރުވަން.،“ އަމްރު މިއަދު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އޭނާ އަބަދުވެސް މީޑިއާއި ގާތް ގުޅުމެއް ބާއްވަމުން އަންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން މަސައްކަތްވެސް ކުރައްވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!