ދިވެހި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްހަތާއި، އާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މައުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ”އިތާ“ ޕޯޓަލް ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މި ވުޒާރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސިއްހަތާއި، އާއިލާއާއި، އިޖުތިމާއި އެހީތެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ގީލާ އަލީއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތައާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަގްސަދަކީ އިޖުތިމާއީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުން ކަމަށެެވެ.
މީގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ”އިތާ“ ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ”މޯލްޑިވްސް 2.0“ މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ހިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ގޮތުން، ”އިތާ“ ޕޯޓަލްއާއެކު އަންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ބަދަލަކީ މަސައްކަތުގެ ދުވެލި ހަލުވިވުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއާއެކު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީހު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ވުޒާރާގެ ހިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.



