ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއް ގަބޫލުނުކުރައްވާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އަރަގްޗީއާ ހަވާލާދީ އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އީރާނުން ހުށަހަޅާފައިވާ ކަންކަމަށް އެދެވޭ ހައްލެއް ނުލިބެނީސް، އެފަދަ ހުށަހެޅުމަކަށް އެ ގައުމުން އިޖާބަ ނުދޭނެ ކަމަށެވެ.
އަރަގްޗީ ވިދާޅުވީ، އެމެރިކާއިން އީރާނުގެ ސާބިތުކަމާއި ވަރުގަދަކަން ވަޒަންކުރަން މަސައްކަތްކުރާ ކޮންމެ ފަހަރަކުވެސް އެ ގައުމުންސާބިތުކަމާއެކު ވަރުގަދަ ރައްދެއް ދެމުންދާ ކަމަށެވެ. އަދި އެމެރިކާއިން އަދިވެސް ގެންގުޅެނީ އެއް އުސޫލުތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައްސަލައިގެ އަސްލަކީ އެމެރިކާގެ ސިޔާސަތުތައް ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއްވެސް މާނަހުރި ކުރިއެރުމެއް ހާސިލުކުރެވޭނީ އެމެރިކާއިން ގެންގުޅޭ އަމަލުތަކާއި ސިޔާސަތުތައް ބަދަލުކޮށްގެން ކަމަށެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް އެންމެ ފުރަތަމަ ދޭން ފެށި ހަމަލާތައް އެއްބަސްވުމަކާއި އެކީ ހުއްޓާލާފައިވަނިކޮށް އެމެރިކާއިން އަލުން ހަމަލާތައް ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެެމެރިކާއިން އީރާނަށް ސީދާ ހަމަލާތަކެއް ދީފައިވަނީ ހޮރްމޫޒްކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުތަކަށް އީރާނުން ހަމަލާތައް ދޭ ކަމަށް ބުނެއެވެ.
އޭގެ ފަހުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމި، ދެފަރާތުންވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. މި ހަމަލާ ބަދަލުކުރުންތަކުގައި އީރާނަށްވެސް ގެއްލުންވަމުންދާއިރު، އީރާނުން ދަނީ މެދިއިރުމަތީ ސަރަހައްދުގައި ހުންނަ އެމެރިކާގެ ތަންތަނަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.



