އީރާނުން ފޮނުވާލާ ބެލިސްޓިކް މިސައިލް ހަމަލާތަކުން އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރަށް އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރުތައް ނެތް ކަމުގެ އިންޒާރު، ޔޫރަޕްގައި ތިބޭ އެމެރިކާގެ ސިފައިންގެ އެންމެ މަތީ ކޮމާންޑަރު ޕެންޓަގަންއަށް ދީފައިވާކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.
ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫއެސް ޔޫރަޕިއަން ކޮމާންޑް (އީޔޫކޮމް) ގެ ވެރިޔާ އަދި ނޭޓޯގެ ސުޕްރީމް އެލައިޑް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ އިޒްރޭލު ދިފާއުކުރުމަށް ބޭނުންވާ މިންވަރަށް އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރުތަކާއި ވަސީލަތް ނެތްކަން އެމެރިކާގެ ވެރިންނަށް އަންގާފައެވެ.
މިކަން އަންގައި ޖެނެރަލް ގްރިންކެވިޗް ޕެންޓަގަންގެ އިސްވެރިންނަށް ފޮނުއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ، އީރާނާއި ހޫތީންގެ ހަމަލާތަކުން އިޒްރޭލު ދިފާއުކުރުމަށާއި ޔޫރަޕްގެ ދިފާއީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަރަށް ’އީޖިސް‘ ސިސްޓަމް ހަރުކޮށްފައިވާ މަނަވަރުތައް މިވަގުތު ނެތް ކަމަށެވެ. މި ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިތުރު މަނަވަރެއް ހަމަނުޖެހިއްޖެ ނަމަ، އިޒްރޭލުގެ ދިފާއަށްވުރެ އެމެރިކާގެ އަމިއްލަ ގައުމާއި ނޭޓޯގެ ސަރަހައްދުތައް ދިފާއުކުރުމަށް އިސްކަންދޭން ޖެހިދާނެއެވެ.
މި ދަތިކަން ދިމާވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ފާއިތުވި ފަސް މަސް ދުވަހު ސަރަހައްދީ ހަމަނުޖެހުންތަކުގައި މަނަވަރުތައް މެދުނުކެނޑި ބޭނުންކުރަން ޖެހުމުން، ސްޕެއިންގެ ރޮޓާގައި ހުންނަ މަނަވަރުތައް މަރާމާތުކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ އިތުރުން، ވައިގެ ދިފާއީ ނިޒާމުތަކަށް ބޭނުންވާ އެސްއެމް-3، އެސްއެމް-6، ޕެޓްރިއަޓް އަދި ތާޑް މިސައިލްތަކުގެ ސްޓޮކް ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ދިފާއީ ދާއިރާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިފަދަ ލިޔުމުން ދެވޭ އިންޒާރުތަކަކީ އަސްކަރީ އޮޕަރޭޝަންތަކުގައި ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން ކޮމާންޑަރުން އަމަލުކުރާ އާންމު އުސޫލެކެވެ. މިވަގުތު އެމެރިކާގެ ކަނޑުގެ ގިނަ ބާރުތަކެއް ވަނީ ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށާއި އަރަބި ކަނޑުގައި ހަރަކާތްތެރިވާ ކެރިއަރ ސްޓްރައިކް ގްރޫޕްތަކުގެ މަސައްކަތްތަކަށް ހުސްކޮށްފައެވެ.
މިކަން އެމެރިކާގެ ވެރިންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނުގެ ކަރަންޓާއި ހަކަތައިގެ ވިއުގައަށް ދޭން ރޭވި ހަމަލާތައް ފަހުވަގުތު ވަނީ ކެންސަލް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.



