ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި އަދި އެކަމަށް މި ސަރުކާރުން ހުރަސްއަޅާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ، ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެތޯ ސުވާލުކުރުމުންނެވެ.
ކުރިން ވެސް ވިދާޅުވާގޮތަށް ޔާމީން މިރޭ ވެސް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖަލަށްލައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލިހެން ”އެވަރުގެ އަނިޔާއެއް ދޭން“ ރައީސް މުހައްމަދު މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެކަމަކު ސޯލިހަށް ދެން ވެސް ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އެކަން ކުރައްވާފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.
”އެކަމަކު މުއިއްޒު ކުރައްވާނެ ކަމަށް އަޅުގަނޑަށް ގަބޫލުނުކުރެވޭތީ މިހެން މި ދެންނެވީ. އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ އިރާދަކުރެއްވިއްޔާ ހަމަ 2028ގައި ވޯޓު ކަރުދާހުގައި އަޅުގަނޑުގެ ނަން އޮންނާނެ ކަމަށް،“ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން ވިދާޅުވީ، 2028ގެ އިންތިހާބު ކާމިޔާބުކުރެއްވޭވަރާ ގާތަށް ވެސް ވޯޓު ނުލިބޭނެކަން ރައީސް މުއިއްޒު ވެސް މިހާރު ގަބޫލުކުރައްވާނެ ކަމަށެވެ. މި ސަރުކާރުގައި ކުރިމަތިވި ކޮންމެ އިންތިހާބަކުން ވެސް ރައްޔިތުން ދައްކަމުންދަނީ މި ސަރުކާރާމެދު އޮތް ހިތްހަމަނުޖެހުންތައް ކަމުން އެކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަދި، ބާކީ އޮތް ދެ އަހަރެއްހާ ދުވަސްތެރޭ ރައްޔިތުންގެ އިތުބާރު ހޯދައި މި ސަރުކާރަށް އިތުރަށް ތާއީދު ހޯދޭނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.



