ޓްރަންޕް ގޮތް ހުސްވެ، އީރާނު ހަނގުރާމައިގައި ބައިވެރިވާ އެންމެ ބޮޑު މަނަވަރު އެމެރިކާއަށް ގެންދަން ނިންމައިފި
ދެންމެ | 15 އޯގަސްޓް 2026

އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ކުރިއަށްދާ އަސްކަރީ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އެންމެ ބޮޑު އެއް މަނަވަރު ކަމަށްވާ ”ޔޫއެސްއެސް އަބްރަހަމް ލިންކަން“ ގެ ފަޅުވެރިންނަށް ނަފްސާނީ އަދި ޖިސްމާނީ ބަލިމަޑުކަމާ ކުރިމަތިވެ އުފެދިފައިވާ ނުތަނަވަސްކަމާ އެކު އެ މަނަވަރުގެ ދަތުރު ނިންމާލުމަށް ފަހު އެނބުރާ ގައުމަށް ދިއުމުގެ ހުއްދަ އެމެރިކާގެ ދިފާއީ ވުޒާރާއިން ދީފި އެވެ.

އެމެރިކާގެ ނޭވީގެ އެކްޓިން ސެކްރެޓަރީ ހަންގް ކާއޯ އިއުލާން ކުރެއްވި ގޮތުގައި، މި ނިއުކްލިއާ ކެރިއަރު މިހާރު ވަނީ އެނބުރާ ކެލިފޯނިއާގެ ސެން ޑިއޭގޯގެ ބަނދަރަށް ދިއުމަށް ދަތުރު ފަށައިފަ އެވެ.

ޔޫއެސްއެސް އަބްރަހަމް ލިންކަންގެ ފަޅުވެރިން ވަނީ އެއްވެސް ބަނދަރަކަށް ގާތްނުކޮށް ވިދިވިދިގެން 250 އަށްވުރެ ގިނަ ދުވަހު ކަނޑުމަތީގައި ހޭދަކޮށްފަ އެވެ. މިއީ ޒަމާނީ ކަނޑުގެ އަސްކަރިއްޔާގެ ތާރީހުގައި ވެސް މަނަވަރަކުން ކަނޑުމަތީގައި މެދުނުކެނޑި މިހާ ގިނަދުވަސް ހޭދަކުރި ފުރަތަމަ ފަހަރެވެ. މިހާ ދިގު މުއްދަތަކަށް ކަނޑުމަތީ އުޅެންޖެހުމާއި ހަނގުރާމައިގެ ބިރުވެރިކަމުގައި އުޅެންޖެހުމުން، މަނަވަރުގައި ތިބި 5،000 އެއްހާ ސިފައިން ވަނީ ”ކަނޑަށް ބަލިވެ“ އަދި ނަފްސާނީ ގޮތުން މުޅިން ބަލިކަށިވެފަ އެވެ. މަނަވަރުގެ އެތެރޭގެ ހާލަތު ގޯސްވެ، ބައެއް ސިފައިން އަމިއްލައަށް މަރުވާން މަނަވަރުން ކަނޑަށް ފުންމާލަން އުޅުނު ކަމުގެ ރިޕޯޓުތަކެއް ވެސް ވަނީ ތިލަވެފަ އެވެ.

 

ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލުމުގެ އިތުރުން، މަނަވަރުގައި އަސާސީ ސަޕްލައިގެ ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. މާދިގު މުއްދަތަކަށް ކަނޑުމަތީގައި އުޅުމުން، ތާޒާ ކާބޯތަކެއްޗާއި ބޯފެނުގެ ދަތިކަން ސިފައިންނަށް ވަނީ ފޯރައިފަ އެވެ. މަނަވަރުގެ ލޯންޑްރީ ބައިގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން 600 އެއްހާ ސިފައިން، ނިދަން ބޭނުންވާ ތަންމަތި ފަދަ ތަކެތި ނެތި ހާލުގައި އުޅެންޖެހުނެވެ.

 

މި ހާލަތާ ގުޅިގެން ސިފައިންގެ އާއިލާތަކުންނާއި އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ އެހާ ދިގު މުއްދަތެއް ނޫންކަމަށް ވިދާޅުވެ ޝަކުވާތައް ބޮލާލައި ޖަހައިފަ އެވެ. ނަމަވެސް، ސިފައިންގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އެންމެ ފަހުން ނޭވީން ވަނީ މަނަވަރު އަނބުރާ ގެނައުމަށް ނިންމައިފަ އެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ފަހު އަބްރަހަމް ލިންކަން ދަތުރު ނިންމާލާއިރު، މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ކުރާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާއިން ވަނީ ޔޫއެސްއެސް ޖޯޖް ވޮޝިންޓަން ކަނޑުގެ ސަރަހައްދަށް ފޮނުވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!