ރައީސްގެ މައި މޭޒުން ގާސިމް ބޭރުކޮށް، އެއްކައިރި ކޮށްފި
ދެންމެ | 04 އޮކްޓޯބަރ 2022

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ”މޭޒެއްގައި ކަނުގައި“ އިންނަވަން ޖެހުމުން ސަރުކާރަށް ނުރުހުން އަމާޒުވެއްޖެއެވެ.

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ގާސިމް ވަނީ ”ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް“ ހާސިލް ކުރައްވައިފައެވެ. މި އެވޯޑު އޭނާއާ ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގާސިމް ފަތުރުވެރިކަމުގެ ދާއިރާ އަށް ފުރަތަމަ ވެންނެވީ 1986 ވަނަ އަހަރުގައެވެ. ގާސިމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އެނދު ގިނަ ރިސޯޓެއް ހެއްދެވި ފުރަތަމަ ބޭފުޅާއެވެ.

ގާސިމް ހިންގަވަމުންދާ ރިސޯޓުތަކުގެ ތެރޭގައި ސަން އައިލެންޑް ރިސޯޓު، ޕެރަޑައިސް އައިލެންޑް ރިސޯޓު، ރޯޔަލް އައިލެންޑް ރިސޯޓު އަދި ހޮލިޑޭ އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީ ނަގާފައި މި ސަރުކާރުގެ ވެސް އެންމެ ބޮޑު ހިއްސާއެއް އޮންނަ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމްގެ އަމިއްލަ އެއާލައިނެއް ކަމަށްވާ ”ފްލައިމީ“ ވެސް އޮވެއެވެ.

އެކަމަކު، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހަފްލާގައި ގާސިމް ބައިންދާފައި ވަނީ ޖަލްސާ ބޭއްވި ތަނުގެ އެއް ފަރާތުގައި އިން މޭޒެއްގެ ކަނެއްގައެވެ.

މި މައްސަލައިގައި ފާޑުކީ ފަރާތްތަކުން ބުނެފައި ވަނީ މިއީ ގާސިމާއި އުއްޗު އަށް އިހްތިރާމް ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށެވެ. އަދި މިކަމުގައި ޓޫރިޒަމް މިނިސްޓްރީން ވަކި ބަޔަކާ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަން ހާމަވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!