އެހެން މީހަކަށް ދޫކޮށްފައިވާ އެކްސެސް ކޮންޓްރޯލް ފާހެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިރުމަތީ ފަޅީގެ 51 ނަންބަރު ގޭޓުން ތަނަށް ވަންނަން އުޅުނު އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަންޖީވާ ރެއްޑީ ޔެލްމާ (45 އަހަރު) ވަނީ ހައްޔަރުކޮށްފި އެވެ.
އޭނާ ބޭނުންކޮށްފައިވަނީ އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން އެހެން ބިދޭސީއަކަށް ދޫކޮށްފައިވާ ފާހެކެވެ. އަދި އެ ފާހުގެ ވެރިފަރާތަކީ ވޯކް ވިސާ ކެންސަލްކޮށްފައިވާ މީހެކެވެ.
ސަންޖީވާ ކޯޓުގައި ބުނެފައިވަނީ އެ ފާހަކީ އޭނާގެ ”ބޮސް“ ދިން ފާހެއް ކަމަށެވެ. އަމުރުގައިވާ ގޮތުން އޭނާއަކީ ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.
ހުއްދަނެތި ތަނަކަށް ވަންނަން އުޅުނުކަމުގެ ކާފީ ހެކި ހުރުމާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފަ އެވެ.



