އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު އިއުލާނު ކޮށްފައިވާ އިގްތިސާދީ ހަގުރާމައިގައި ބައިވެރިވާ ހަމަކޮންމެ ގައުމަކީ ދުޝްމަނެއް ކަމަށް ބަލާނޭކަމުގެ އިންޒާރު އީރާނުން ވަނީ މިހަފުތާގައި ދީފައެވެ. އަދި އެގައުމުތަކާ ދެކޮޅަށް ބަދަލުހިފާނޭކަމަށް ނުވަތަ ބަދަލު ހިފުމުގެ ފިޔަވަޅުތައް އަޅާނޭކަމުގެ އިންޒާރުވެސް ތެހެރާނުން ވަނީ ދީފައެވެ. މި އިންޒާރު އައިސްފައި މިވަނީ މިހަފުތާގެ ހޯމަދުވަހު ދަތިކުރުމުގެ ހަރުކަށި އައު ފިޔަވަޅުތަކެއް އިއުލާނު ކުރުމަށް އެމެރިކާއިން ތައްޔާރުވަމުން ދަނިކޮށެވެ. އެމެރިކާގެ އިގްތިސާދީ ހަގުރާމައިގައި ބައިވެރި ނުވުމަށް އީރާނުގެ ފަރާތުން އިންޒާރު ދެއްވީ ކޮން ބޭފުޅެއް ބާވަައެވެ. އެބޭފުޅަކީ އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ މަތީ ކައުންސިލްގެ ވެރިޔާ މުހުސިން ރިޒާއީއެވެ. އީރާނުގެ އަވައްޓެރި ގަލްފުގެ އަރަބި ގައުމުތައްވެސް ހިމެނޭގޮތުން ދުނިޔޭގެ އެންމެހައި ގައުމުތަކަށް އޭނާ އިލްތިމާސް ކުރެއްވީ އެމެރިކާއާ ބައިވެރި ނުވުމަށެވެ. ބައިވެރިވާ ކޮންމެ ގައުމަކީ އީރާނާއި އީރާނުގެ ރައްޔިތުންގެ ދުޝްމަނެއްކަމަށް ނިންމާނޭ ކަމަށްވެސް ވިދާޅުވިއެވެ.
ގަލްފުގެ އަރަބި ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކުން އެމެރިކާގެ އިގްތިސާދީ މިހަގުރާމައިގައި ބައިވެރިވެއްޖެނަމަ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށްވިޔަސް އަދި އެހެން ގޮތަކުންވިޔަސް އެންމެ ތެޔޮ ލީޓަރެއްވެސް ބޭރު ނުކުރެވޭނޭ ގޮތަށް އީރާނުން ފިޔަވަޅު އަޅާނޭ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ. މުހުސިން ރިޒާއީގެ އިތުރަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕަޒިޝްކިޔާން ވެސް ވަނީ އެމެރިކާއިން އިއުލާނުކުރި އިގްތިސާދީ ހަގުރާމައިގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ހަދަމުންދަނީ ގޯހަކަށްފަހު ގޯހެއް ކަމުގައެވެ. އަސްކަރީ ހަމަލަ ދީގެން އީރާނު ބަލިކޮށް ވެނެޒުއެލާއަކަށް ހެދޭނެކަމަށް ޓްރަމްޕުގެ ސަރުކާރުން ހީކުރި ހީކުރުން ދިޔައީ ތޮޅިއަށް ކަމަށާއި ހަގުރާމައިގެ ސަބަބުން އީރާން އިތުރަށް ވަރުގަދަވީ ކަމުގައި ޕަޒިޝްކިޔާން ވިދާޅުވިއެވެ. މިކަމުން ފިލާވަޅު ލިބިގަނެގެން ދުނިޔޭގެ ގައުމުތަކަށް އޮތީ އެމެރިކާއިން ޖަހަމުން ގެންދާ މަރުފަލީގައި ބައިވެރިނުވެ ދުރުގައި ތިބުންކަމަށްވެސް ޕަޒިޝްކިޔާން ވިދާޅުވިއެވެ.
މުހުސިން ރިޒާއީ އާއި ޑރ.މަސްއޫދު ޕަޒިޝްކިޔާނުގެ ވާހަކަފުޅުތަކާއި އިންޒާރުތަކާ ގުޅިގެން މިހިސާބުން އުފެދޭ ސުވާލަކީ ބަދަލުހިފުމުގެ ގޮތުން އީރާނަށް އެޅޭނީ އަދި އަޅާނީ ކޮން ފިޔަވަޅުތަކެއް ބާވައެވެ. ބަދަލުހިފުމަށްޓަކައި އީރާނުން ކުރާނޭ ކަންކަމުގެ މައްޗަށްވެސް މުހުސިން ރިޒާއީ ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އޭނާގެ ވާހަކަފުޅުން އެނގެނީ ތިން ފިޔަވައްސެއްގެ މައްޗަށް އެކުލެވޭ ޕްލޭނެއް އީރާނުން އެކަށައަޅާފައިވާ ކަމެވެ. ފުރަތަމަ ފިޔަވައްސަކީ އެމެރިކާއާ ބައިވެރިވާ ނުވަތަ ވާގިވެރިވާ ކޮންމެ ގައުމަކާ ވަކިވަކިން ވާހަކަ ދެއްކުމެވެ. މަޝްވަރާ ކުރުމެވެ. އެގައުމުތަކަށް ކުރިމަތިވާނޭ ނުރައްކާތައް ސާފުކޮށް ބަޔާންކޮށްދިނުމެވެ. އެއިން ގައުމަކުން އީރާނުގެ އަޑު ނާހައިފިނަމަ ދެންއޮތީ ދެވަނަ ފިޔަވައްސެވެ. އެއީ އެބައެއްގެ އިގްތީސާދީ މަސްލަހަތާ ދެކޮޅަށް އީރާނުން ފިޔަވަޅުތައް އެޅުމެވެ. އެބައެއްގެ ތެޔޮ ޓޭންކަރުތައް ހޮރުމުޒް ކަނޑުއޮޅިޔާއި ބާބުލްމަންދިބު ކަނޑުއޮޅިން ދަތުރުކުރިޔަ ނުދިނުމެވެ.
ހޮރުމުޒް ކަނޑުއޮޅީގެ އިތުރަށް ބާބުލްމަންދިބު ކަނޑުއޮޅިވެސް ދުޝްމަން ގައުމުތަކަށް ބަންދުކުރުން މީގެތެރޭގައި ހިމެނެއެވެ. އެވަރުންވެސް ނަތީޖާއެއް ނުފެނިއްޖެނަމަ ދެންއޮތީ ތިންވަނަ ފިޔަވައްސެވެ. އެ ފިޔަވައްސަކީ އެބައެއްގެ ތެލުގެ ކާރުޚާނާޔާއި އިގްތިސާދީ އެނޫންވެސް ހަރަކާތްތަކުގެ އޮނިގަޑަށް ހަމަލަދީ ސުންނާފަތި ކޮށްލުމެވެ. މި އިންޒާރު ދިނުމާއެކު މި ހަގުރާމައިގެ އައު ރޭވުމެއްވެސް އީރާނުން ވަނީ ދުނިޔެއަށް އިއުލާނު ކޮށްފައެވެ. އެއީ ކޮންކަމެއް ބާވައެވެ. އީރާނުން ބުންޏެވެ. އެއްވެސް ބަޔަކު އިސްވެ އީރާނަށް ހަމަލަދެންދެން އީރާނުން ދެން ބަލާކަށެއް ނޯންނާނެއެވެ. އެއްވެސް ބަޔަކު އީރާނަށް ހަމަލައެއްދޭން މަސައްކަތް ކުރާކަން އެނގުމާއެކު އީރާނުން އެބަޔަކާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެއެވެ. ހަމަލަދޭނެއެވެ. ކޮންމެއަކަސް އީރާނުގެ މި އިންޒާރުތައް ބޮޑަށް އަމާޒުވަނީ ވަކި ބަޔަކަށެވެ. އެބަޔަކީ ގަލްފުގެ އަރަބި ގައުމުތަކެވެ. އީރާނުގެ ކައިރިކައިރީގައިވާ ގައުމުތަކެވެ. ސައޫދީއަރަބިޔާ އާއި ކުވައިތެވެ. ގަތަރާއި ބަހުރައިނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އޮމާނެވެ.
އީރާނުގެ އިންޒާރުތައް އަމާޒުވަނީ ކޮންކޮން ބަޔަކަށްކަން އެނގޭއިރު މިހިސާބުން އަދި އެހެން ސުވާލެއްވެސް އުފެދެއެވެ. އެސުވާލަކީ މިދެންނެވި ގައުމުތަކުން އެމެރިކާގެ އިގްތިސާދީ ހަގުރާމައިގައި ބައިވެރިވެދާނެ ބާވައެވެ. ގަލްފުގެ ގައުމުތަކަކީ އީރާނުގެ އަވައްޓެރިން ކަމުގައި ވުމުގެ އިތުރަށް އެއީ އެމެރިކާގެ މިތުރުންނެވެ. ބައިވެރިންނެވެ. އެ ގައުމުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެބަހުއްޓެވެ. ސިފައިން އެބަތިއްބެވެ. ހަތިޔާރުވެސް އެބަހުއްޓެވެ. މިއަހަރުގެ ފެބްރުއަރީ އަށާވީސްވަނަ ދުވަހު އެމެރިކާޔާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ހަގުރާމަ ފެށިފަހުން އީރާނުން ވަނީ މިސައިލާއި ރޮކެޓާއި ޑްރޯން ބޭނުންކޮށްގެން ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ މިދެންނެވި މަރުކަޒުތަކަށް ގިނަގުނަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލަތައް އެމެރިކާއަކަށްވެސް އަދި އެއިން ގައުމަކަށްވެސް ނުހުއްޓުވެއެވެ. ނަތީޖާއެއްގެ ގޮތުން ގަލްފުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ހަމައެކަނި ގަލްފެއް ނޫނެވެ. އެއަށްވުރެ ތަންކޮޅެއް ދުރުން ޖޯޑަންގައިވާ އެޒާތުގެ ތަންތަންވެސް އީރާނުން ވަނީ ސުންނާފަތި ކޮށްލައިފައެވެ. އީރާނުގެ ގާބިލްކަމާއި ކެރުން ފެނިފައި ގަލްފުގެ ގައުމުތައް އެތިބީ ސިހިފައެވެ. އެމެރިކާގެ ހަގުރާމަޔަށް ވާގިވެރިވުމުގެ އަގެއްގެ ގޮތުން އެގައުމުތަކުގެ އިގްތިސާދު ފުނޑުފުނޑުވެ ގައުމުގެ އޮނިގަޑުވެސް އިންދިރާސްވާކަށް އެގައުމުތަކުން ބޭނުމެއް ނުވެއެވެ. އަދި އެމެރިކާގެ ނުރުހުން އަމާޒުވެ އެމެރިކާއިން އަޅައިފާނެ ފިޔަވަޅުތަކެއްގެ އަމާޒަކަށްވާންވެސް ބޭނުމެއް ނުވެއެވެ. އެހެންވީމާ ގަލްފުގެ ގައުމުތައް އެތިބީ ވަރަށް އުނދަގޫ ވަރަށް ނާޒުކް ފައްތަރެއްގައެވެ. މިހާލަތުގައި އެގައުމުތަކުން ކަންކަން ކުރާނެގޮތް އަދި މުޅިން ސާފެއް ނޫނެވެ. ގަލްފުގެ ގައުމުތަކަށް ބަދަލު ނުކުރެވޭނޭ ހަގީގަތެއް އެބައޮތެވެ. އެއީ ޖިއޮގްރަފީއެވެ. އަދިވެސް ދެންވެސް ގަލްފުގެ ގައުމުތައް ތިބޭނީ އީރާނުގެ އަވައްޓެރިންގެ ގޮތުގައެވެ. ފަސޭހަކަމާއެކު އީރާނުގެ ހަމަލަތައް އަމާޒުވާ ހިސާބުގައެވެ. އެހެންވީމާ އީރާނުގެ މަސްލަހަތާ ދެކޮޅަށް މާގިނަކަންކަން ކުރުމުގެ ފުރުސަތެއް ނެތެވެ.



