ފުވައްމުލަކުގައި ކާރެއްގެ ވެރިފަރާތަށް އަނިޔާކޮށް، ބިރުދައްކައި އެ މީހާގެ އަތުން ކާރު ފޭރިގަނެގެން ދުއްވާފައި ގޮސް ސައިކަލަކާއި، އެހެން ކާރެއްގެ އިތުރުން ރުކެއްގައި ޖައްސައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގި މައްސަލައިގައި ތުހުމަތުވާ މީހާގެ ބަންދު މުއްދަތު ޖަހައިފި އެވެ.
ފުލުހުން ރޭ ބުނެފައިވަނީ އިއްޔެ އިރުއޮއްސި 6:22 އެހައިކަންހާއިރު، ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
”މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް ވަނީ އެނގިފައި،“. ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ބުނީ، ކާރު ދުއްވީ މިސްކިތްމަގު، އަންދާޒު/ޏ. ފުވައްމުލަށް، އަހުމަދު އައުނުﷲ ކަމަށެވެ. އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



