ރީތީގެ މުބާރާތުގައި ވާދަކުރާ އީމާ، މައިންބަފައިން ވަރަށް މިސްވާ ކަމަށް ބުނެފި
ދެންމެ | 31 އޯގަސްޓް 2026

ވިއެޓްނާމުގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ރީތީގެ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ އީމާ މުހައްމަދު، މުބާރާތުގެ ތެރެއިން ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާގެ މަންމަ އާއި ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށް ބުނެފި އެވެ.

އީމާ މިހެން ބުނީ ގައުމާ ދުރުގައި އެހެން ގައުމުތަކުގެ ބައިވެރިންނާއެކު ހޭދަކުރަމުންދާ އުފާވެރި ވަގުތުތަކުގެ ވާހަކަ ހިއްސާކުރުމަށްފަހު އާއިލާއަށް ދޭން ބޭނުންވާ މެސެޖަކާ ގުޅޭގޮތުން ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

މި އިންޓަވިއުގައި އީމާ ވަނީ ރާއްޖެއާ ގުޅޭގޮތުން މުޅި ދުނިޔެއަށް ހާމަކޮށްދޭން ބޭނުންވާ މުހިންމު ކަންތައްތަކަށް ވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން އޭނާ އެންމެ ބޮޑަށް ބޭނުންވަނީ ރާއްޖޭގެ ހިތްގައިމު ރީތިކަމާއި، މުއްސަނދި ސަގާފަތުގެ އިތުރުން ދިވެހިންގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި ހިތްހެޔޮކަން އެހެން ގައުމުތަކުގެ މީހުންނަށް ދައްކާލަން ކަމަށް އޭނާ ފާހަގަކުރި އެވެ.

މުބާރާތުގެ އެހެން ބައިވެރިންނާއެކު ވިއެޓްނާމުގައި ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަހު އެކުގައި އުޅުމަށްފަހު އީމާ ބުނީ، މިއީ އޭނާއަށް ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށެވެ. އެކި ގައުމުތަކުން އައިސް ތިބި ރީތީގެ ރާނީންނާ ބައްދަލުވެ، އެ މީހުންގެ ގައުމުތަކުގެ ސަގާފަތްތައް ދަސްކުރުމަކީ މި ދަތުރުގައި ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އީމާ ބުންޏެވެ.

”މިހާތަނަށް ވެސް އަހަންނަށް ވަނީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ފަދަ އެތައް ހާސް އުފާވެރި ހަނދާންތަކެއް ލިބިފައި. ކޮންމެ ދުވަހަކުވެސް ހިތްވަރު ލިބޭ ފަދަ އާ ބައިވެރިންނާ ބައްދަލުވޭ،“ އީމާގެ އިންޓަވިއުގައި ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި ދަތުރު ނިމޭކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށާއި، އެނބުރި ރާއްޖެ އަންނަން ޖެހުމުން މުބާރާތުގެ ބައިވެރިން މަތިން ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށެވެ.

މުބާރާތުގައި އެހެން ބައިވެރިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދިޔަ ނަމަވެސް، އީމާގެ އެންމެ ބޮޑު އެއް ހަނދާނަކީ އޭނާގެ އާއިލާ އެވެ. އިންޓަވިއު ނިންމާލަމުން އާއިލާއަށް ހާއްސަކޮށް ދިން ކުރު މެސެޖުގައި މަންމަ އާއި ބައްޕަ މަތިން ހަނދާންވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!