ނިއުމާ 4 ވަނަ ކައިވެންޏަށް ކަމަރު ބަދެލައިފި
ދެންމެ | 06 ސެޕްޓެމްބަރ 2026

ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު، އޭނާ ކައިވެނިކުރަން އުޅޭ މީހާގެ ފޮޓޯއާއެކު، އަލުން ކައިވެންޏެއް ކުރަން އުޅޭކަމުގެ އުފާވެރި ހަބަރު މިއަދު ފޭސްބުކްގައި އިއުލާންކޮށްފި އެވެ.

އާ ކައިވެންޏަކަށް ތައްޔާރުވަމުން އަންނަކަން ހާމަކުރަމުން، ނިއުމާ ވަނީ އޭނާ ކައިވެނިކުރަން އުޅޭ ފިރިހެން މީހާއާއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ ފޭސްބުކް އެކައުންޓުގައި އާންމުކޮށްފައެވެ. މި ފޮޓޯ ހިއްސާކުރަމުން އޭނާ ވަނީ، އެއީ އޭނާގެ ”ވާން އުޅޭ ލޯބިވާ ފިރި“ ކަމަށް ބުނެފައެވެ.

މީގެ ކުރިން ތިން ކައިވެންޏެއް ކޮށްފައިވާ ނިއުމާގެ އެންމެ ފަހުގެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ނިންމީ އިތުރު ކައިވެންޏެއް ނުކޮށް، އޭނާގެ ތިންވަނަ ކައިވެނިން ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅު މަރިޔަމް ޒޯޔާ ހަސަން ބެލުމަށް ވަގުތު ހުސްކުރުމަށެވެ.

ނިއުމާ އެންމެ ފުރަތަމަ ކައިވެނިކުރީ އިބްރާހިމް ހަބީބު އާއެވެ. އެ ކައިވެނި ރޫޅުމަށްފަހު، ރާއްޖޭގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން އާ އޭނާ ކައިވެނިކުރި ނަމަވެސް މަދު މަސްތަކެއްގެ ތެރޭގައި އެ ކައިވެނި ވެސް ވަނީ ރޫޅިފައެވެ. އޭގެ ފަހުން ހަސަން އިބްރާހިމް އާ ކައިވެނިކޮށްގެން އޭނާ ވަނީ ދުވަސްތަކެއް ވަންދެން އުޅެފައެވެ.

ފިލްމީ ދާއިރާގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ތަރީގެ ގޮތުގައި ފާހަގަކުރެވޭ ނިއުމާ ވަނީ ގައުމީ ފިލްމު އެވޯޑާއި މޯލްޑިވްސް ފިލްމު އެވޯޑުގެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ފަތިސްހަނދުވަރު ފަދަ ކާމިޔާބު ފިލްމުތައް ކުޅެ، އަދި ”ނިއުމާ“ ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ މި ތަރިއަށް 2011 ވަނަ އަހަރު ވަނީ ގައުމީ އިނާމު ވެސް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!