ދިވެހިންގެ މާތް އަހުލާގާއި އަދަބުވެރި ރީތި އުޅުމާއި ގުޅުންތައް އިޔާދަކޮށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމަށް ކެބިނެޓުން އިއްޔެ ނިންމައިފިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި މީޑިއާ ބްރީފިންއެއްގައި ރައީސް ވިދާޅުވީ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އެކުލަވާލަން އެކަމާބެހޭ ކަރުދާހެއް ކެބިނެޓަށް އިއްޔެ ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ ކަރުދާސް ތައްޔާރުކުރީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން ގިނަ ބަޔަކާ މަޝްވަރާ ކުރުމަށްފަހު އެވެ.
”އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއްެގެ ވާހަކައަކީ ހަމަ ދަންނަވާލާ ވާހަކައެއް ނޫން. މިއީ ވަރަށް ސީރިއަސްކަމާ އެކީގައި އަޅުގަނޑުމެން ބޭނުންވާ ކަމެއް،“ ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތުގައި ހުރިހާ ފަރާތަކާ މަޝްވަރާކުރަން ސަރުކާރުން ކުރި މަސައްކަތުގައި އިޖާބަނުދިނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރަށް ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށް ކޮންމެ ރަށެއްގައި ނަސޭހަތާއި ޒިކުރު ބޯޑުތައް ބެހެއްޓުމުގެ މަޝްރޫއެއް ފައްޓަވާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ ބަޖެޓުންނާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ 1 އަހަރު ދުވަހުގެ މަޝްރޫއެއް ކަމަށެވެ.


