އިންސާނާ އުފަންވަނީ ފިތުރަތުގެ ސާފުޠާހިރުކަންމަތީގަ އެވެ. އެގޮތުގައި އެއިންސާނާ ބޮޑުވަމުން އައިސް ދުނިޔޭގެ އެކިއެކި ކަންކަމާ މަސްއޫލުވަނީ ޤުދުރަތުން އެކަން ލައްވާފައިވާތީއެވެ. އެކި އިންސާނުން އެނބުރެނީ އެކި ދިމާލަށެވެ. ކުރަނީ އެކިކަހަލަ މަސައްކަތެވެ. ނަމަވެސް ކޮންމެ އިންސާނަކުވެސް ދާން ކަނޑައަޅަނީ އެއް އަމާޒަކަށެވެ. ކުރާ މަސައްކަތުން ބަނޑުހައިހޫނުކަން ފިލުވައި ދިރިއުޅުން އާރާސްތު ކުރުމަށެވެ. ދެންހުރި ކަންކަން ކުރަނީ އޭގެފަހުންނެވެ. މިގޮތުގައި ދުވަސްތައް ވޭތު ކުރުމަށްފަހު އެއްކަލަ އިންސާނާ ގައިބާރު ދެރަވެ އުމުރުން ދުވަސްވުމާއެކު މަސައްކަތް ހުއްޓާލާ އަލުން އެހެން މީހުންގެ އެހީތެރިކަމާއެކު އުޅެން މަޖުބޫރުވެއެވެ. އޭގެފަހުން މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ދެއެވެ. ތަޤްދީރުގައި ލައްވަވާފައިވާ ގޮތުން ބައެއް އިންސާނުން އެމީހުންގެ އުމުރުގެ ބޮޑުބައި އޮއްވައިވެސް ލޯމަރާލަން ޖެހެއެވެ. އެއީ އެކަން އެގޮތައް މެދުވެރިވާން އޮތުމުންނެވެ.
ދަންނަވަންތޯއެވެ. ދުނިޔޭގައި އުޅެން މިލިބެނީ ވަރަށް މަދު ދުވަސްކޮޅެއްކަން ކޮންމެ އިންސާނަކަށްވެސް އެނގެއެވެ. ނަމަވެސް އެކަމަށް ވިސްނާ ފިކުރުކުރަނީ ވަރަށް މަދު މީހެކެވެ. މިއަދުގެ މި ވަގުތުވެސް މަރުވެދާނެކަން ހަނދާނަށް ގެނެސް ވަގުތުކޮޅަކަށް ނަމަވެސް އުޅުން އިސްލާހު ކުރަނީ މަދު މީހެކެވެ. ދުނިޔެވީ އެދުންތަކުގައި ޖެހި ކޮންމެ މީހަކުވެސް އުޅެނީ އުޅޭނެ ގޮތަކަށެވެ. ދުލުން ބޭރުކުރަނީ ހިތައް އައިހާ ބަހެކެވެ. އެކަންކަމުގެ ސަބަބުން ނިކުންނަ ނަތީޖާ ކިތަންމެހާވެސް ހިއްޗެވެ. މި ކުޑަކުޑަ މުޖުތަމައުންވެސް އެފަދަ ކަންކަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. މިއީ ހިތާމަހުރި ކަމަކެވެ.
އޭ އިންސާނާއެވެ. ދުނިޔެއަކީ މިއަދު ވަރަށް ކުޑަތަނެކެވެ. އިނގިއްޔެއްގެ ކުރިން ދުނިޔޭގެ ހަތަރުބިތުގައި ހިނގާނުހިނގާ ކަންކަން ބަލައިލެވެއެވެ. ނަމަވެސް ހިތާމަޔަކީ އޭގެ ނާޖާއިޒް ފައިދާ އަހަރެމެން ނަގާތީއެވެ. ތަފާތު އޮއިވަރުތަކުގައި ޖެހި މަގު ގެއްލިދާތީއެވެ. އަމިއްލަ އަތުން އިޖުތިމާޢީ ފޭރާން ވީދާ ކުދިކުރެވޭއިރުވެސް ނޭނގޭތީއެވެ. އެއް އިންސާނަކަށް ދޭންޖެހޭ އިޙްތިރާމް އަނެއް އިންސާނަކު ނުދޭތީއެވެ. ހިތައް އައިހާ އެއްޗެއް ދުލުންނާއި ގަލަމުން އަދި ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށް ލިޔެ ހާމަކުރަމުން ދާތީއެވެ.
އަޚުންނާއި އުޚުތުންނެވެ. މި ބިމުގައި އުޅެލަން ލިބޭ މަދުވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ބަހީއެވެ. ކިޔާ އެއްޗަކުން ނުވަތަ ލިޔާ އެއްޗަކުން އަނެއް އިންސާނާ ނިކަމެތިވިޔަ ނުދޭށެވެ. ތިމާއަކީ އެންމެ ގަދަ މީހާ ނުވަތަ އެންމެ މޮޅު މީހާއަށް ވަނީ ލިޔާ އެއްޗަކުން ނުވަތަ ކިޔާއެއްޗަކުން އަނެކާއަށް އަސަރު ކުރުމުން ކަމަށް ދެކޭ ދެކުން ދޫކޮށްލާށެވެ. އެއީ ތިމާ ގަދަވީއެއް ނޫނެވެ. އެހެން މީހުންގެ ތެރޭގައި ތިމާގެ ގަދަރު އުފުލުނީއެއްވެސް ނޫނެވެ. ތިމާގެ ’ގަޓު‘ ހުރިކަން ދެއްކުނީއެއްވެސް ނޫނެވެ. އެއީ ތިމާގެ ވެއްޓުމެކެވެ. އެކަމުގެ ނުބައި އަސަރު އިހުސާސް ކުރަންޖެހޭނީ ކޮންވަގުތަކު ކަމެއް ނޭނގެއެވެ. އެހާހިސާބުންވެސް އަނެކާގެ ކިބައިން މަޢާފަށް އެދި އިސްލާޙް ކުރެވިދާނެއެވެ.
ކޮންމެ ކަހަލަ ފިކުރެއްގައި ޖެހުނު ނަމަވެސް އަބަދާއި އަބަދު އަނެކާ ދައްކޮށްލުމަށް ނުވަތަ އަގުވައްޓާލަން މަސައްކަތް ނުކުރާށެވެ. ކިތަންމެ ބޮޑު ނިކަމެއްޗެއް ވިޔަސް މާދަމާވެސް އެމީހެއް ކައިރިއަށް ތިބާ ދާންޖެހިދާނެކަން ހަނދާން ކުރާށެވެ. ނުވަތަ ތިބާ ޙާލުގައި ޖެހޭ ވަގުތު އެންމެ ކައިރީގައި ހުންނާނީ އެއްކަލަ ނިކަމެތި މީހާކަމަށްވެސް ވެދާނެއެވެ. ހެޔޮނުވާނެއެވެ. “ ގަސްތުގައި އިންސާނެއްގެ ހިތް މަރާނުލާށެވެ.“