ވިލުފުށީގައި ކޮންމެ އަހަރަކު ބާއްވާ ފޭސް މަސްވަރިންގެ ވިލާ ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަވެ އެންމެ ފަހުގެ ޗެމްޕިއަންގެ މެނޭޖަރ ސައިފް އާދަމް ސިހާމް ނޫވިލާއިން ގެންގޮސްފި އެވެ.
މުބާރާތް އިންތިޒާމް ކުރާ ފޭސް ޔަމްއިއްޔާގެ ނައިބް ރައީސް މުއާވިޔަތު މުހައްމަދު ވިދާޅުވީ ސައިފް އަޅިވިލާއިން ނޫވިލާއަށް ޓްރާސްފަރ ވެފައިވާ ކަމަށާއި އެހެންނަމަވެސް މުބާރާތަށް ނޫވިލާއިން ހުށަހަޅާފައި ވަނީ ކިހާވަރެއްކަން ސާފް ނުވާ ކަމަށެވެ.
“ނޫވިލާގެ މެނޭޖަރ ޒަމީރު ވެސް ވަނީ ފެހިވިލާއަށް ބަދަލުވެފައި. ޒަމީރަކީ މޮޅު މެނޭޖަރެއް. އޭނާ އަކީ ފުޓްބޯޅައިގެ ތަޖްރިބާ ކާރެއް. ކޯޗިން ދާއިރާގައި ފުންނާބު އުސް ބޭފުޅެއް“ މުއާވިޔަތު ވިދާޅުވި އެވެ.
ވިލުފުށީ ހަތަރު ވިލާގެ މެދުގައި ބާއްވާ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންޓީމަކީ އަޅި ވިލާ އެވެ. މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ.
މި މުބާރާތުގެ ވެސް މެއިން ސްޕޮންސަރ އަކީ ފަންބޮނޑި މޯލްޑިވްސް އެވެ. އަދި ޓައިޓަލް ސްޕޮންސަރ އަކީ ވެސް އެސްޓީއޯ އެވެ