އެފްރިކާގެ ގައުމެއްކަމަށްވާ ކެންޔާގެ ރަށްފުށުގެ ހިސާބެއްގައި ދިރިއުޅޭ މުއްސަނދި ދެމަފިރިއެއްގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އެދެމަފިރިންގެ ޒުވާން ތިން އަންހެންކުދިންނަށް ބޮޑުވެގެންވާ ލަނޑެއް ލިބިއްޖެއެވެ.
ކުދިންތައް ބޮޑުވިޔަސް ގެއިން ބޭރަށް ދިޔުމާއި ރަހުމަތްތެރިން ހޯދުން އެކުދިންނަށް މަނަލެވެ. އުޅެން ޖެހެނީ މުޅިންވެސް ގޭގައެވެ. ރަހުމަތްތެރިން ގެޔަށް ގެނައުން މަނަލެވެ. ގާތްތިމާގެ ނޫން މީހުންގެ ތެރެއިން އެކުދިންނާ ބައްދަލުވެ އުޅެވޭ ހަމަައެކަނި މީހަކީ އެގޭގެ ބަގީޗާ ބަލަހައްޓާ ފަގީރު ސޮރެކެވެ.
އެސޮރާއި ލޯބީގެ ސިއްރު ގުޅުމެއް އެންމެ ފުރަތަމަ ހިންގީ ދެވަނަ ކުއްޖާއެވެ. މިކަން އެންމެ ދޮށީ ކުއްޖާއަށް ފަޅާއެރުމުން އޭނާވެސް އެދުނީ މިކަން ސިއްރުކޮށްދޭމަތިން އޭނާއާވެސް ރައްޓެހިވުމަށެވެ. މިކަން މިމަގުން ހިނގަނިކޮށް އެންމެ ހަގު ކުއްޖާއަށް ފަޅާއަރައިގެން އޭނާވެސް މިކަމުގައި ބައިވެރިވީއެވެ.
މައިންބަފައިންނަށް މިކަން ފަޅާއެރީ ތިން ކުދިންވެސް އެއްފަހަރާ ކަހަލަ ގޮތަކަށް މާބަނޑުވުމުންނެވެ. ކަމުގެ އަސްލަކީ ކޮބައިތޯ އެހުމުން ތިންކުދިންވެސް ބުނީ ބަގީޗާ ބަލަހައްޓާ ސޮރުގެ ވާހަކައެވެ. މިއަޑު އިވިފައި އެކުދިންގެ މަންމަ ހޭނެތުނުކަމަށްވެއެވެ. ބަގީޗާ ބަލަހައްޓާ ސޮރު ވަޒީފާއިން ވަކިކޮށްފައި ފޮނުވައިލިޔަސް މި ތިން ކުދިންވެސް އެސޮރަށް ފައިސާ ފޮނުވައި އެހީތެރިވާ ކަމަށް ކެންޔާގެ ނޫސްތަކުން ބުނެއެވެ. އެ ތިންކުދިންވެސް މިހާރު ވިހާފައިވާ ކަމަށާއި ލިބިފައިވަނީ ދެ އަންހެންކުދިންނާއި ފިރިހެން ކުއްޖެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.